29 Apr 2015, 16:06
ވޮޝިންޓަން (އެޕްރީލް 29) : ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކާ (އޭއައިއައިބީ) އާ މެދު އެމެރިކާގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އޮބާމާ ވިދާޅުވީ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކާ އެމެރިކާ ދެކޮޅު ކަމަށްބުނާ ރިޕޯޓްތަކަކީ ސައްޙަ ރިޕޯޓްތަކެއްނޫން ކަމަށާ އެބޭންކާ މެދު އެމެރިކާގެ ދެކޮޅުވެރިކަމެއް ނެތްކަމުގަ އެވެ. ވޮޝިންޓަނަށް ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭއާ އެކު ބޭއްވި ނޫސް ކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ "އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް" ހެޔޮގޮތުގައި މެނޭޖްކުރުމަށް އެމެރިކާ އެދޭކަމުގަ އެވެ.
ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުން މިއަހަރުގެ ފަހުކޮޅު ދުނިޔޭގެ ގައުމުތަކަށް ލޯންތައް ދޫކުރަން ފަށާ އިރު އެއީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް ފަދަ ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާ ވާދަކޮށް އެމުއައްސަސާތަކުން ދުނިޔޭގެ މާލީ ދާއިރާތަކުގައި ގެންގުޅޭ މޮނޮޕޮލީ ފުނފުނޑުކޮށްލާނެ ބޭންކެއް ކަމަށް ބެލެވޭތީ މިބޭންކް އުފެއްދުމުން އެމެރިކާ ކަންބޮޑުވާކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ. އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތް ފަދަ ހުޅަނގުގެ ބޮޑެތި ބާރުތަކުން އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކްގައި ބައިވެރިވުމުން އެމެރިކާ ސަރުކާރުން ވަނީ އެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފަ އެވެ.
އޭއައިއައިބީ ހިނގައި ގަތުމުން ދުނިޔޭގެ މާލީ ބާޒާރުގައި ޒަމާނުއްސުރެ އެމެރިކާ ހިންގަމުން ގެންދާ ބާރާއި ނުފޫޒުވެސް ކުޑަވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އުފައްދާފައި ވަނީ ޗައިނާ އިސްކޮށް އޮވެގެން މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. އެ ބެންކް އުފައްދާފައި ވަނީ 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ރައުސުލްމާލަކުންނެވެ. ނަމަވެސް މިހާރު އެބޭންކްގެ ރައުސުލްމާލު 700 ބިލިޔަން ޑޮލަރަށް އަރާކަމަށްވެ އެވެ.
އޭއައިއައިބީ އުފެއްދުމުގެ ގޮތުން އެންމެ ފުރަތަމަ ސޮއިކުރި މެންބަރު ގައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން ހިމެނެނީ އޭޝިޔާގެ ގައުމުތަކެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. މިބޭންކްގައި ޔުރަޕްގެ ބޮޑެތި ބާރުތައް ވެސް ބައިވެރިވުމަށް އެދޭއިރު މިބޭންކްގައި ބައިވެރިވުމަށް ނޭދޭނެ ކަމުގެ އިޝާރާތްތައް ދީފައިވާ ހަމައެކަނި ދެގައުމަކި ޖަޕާނާއި އެމެރިކާ އެވެ.
އޭއައިއައިބީ އާ މެދު އެމެރިކާގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވީ މިބޭންކާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް އެމެރިކާއަށް ނެތިފައި މުސްތަގްބަލްގައި ވޯލްޑް ބޭންކަށް ވުރެ ވެސް މިބޭންކް ބާރުގަދަވެގެންދާނެތީ ކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)