29 Apr 2015, 15:52
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ކައިރީގައި އިހުތިޖާޖު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންގެ ކޮމިޓީ އެލަވަންސް ކަނޑާލަން ސުލޫކު ކޮމިޓީ އިން ފާސްކޮށްފި އެވެ.
އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެ ގޮތަށް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.
ކޮމިޓީ އެލަވަންސް ކަނޑާލަން ސުލޫކު ކޮމިޓީ އިން ނިންމެވެި ތިން މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފިއާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް އެވެ.
ސުލޫކް ކޮމިޓީ އިން އިއްޔެ ފިޔަވަޅު އެޅި ތިން މެމްބަރުންގެ ތެރެއިން ކޮމިޓީ އަށް ހާޒިރުވެވަޑައިގަތީ މަހްލޫފު އެކަންޏެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި މަހުލޫފު މިއަދު ވިދާޅުވީ މަޖިލީހުން އެބޭފުޅާ އަށް ދެއްވާ މުސާރަ ކަނޑާލެއްވި އަސް އިހުތިޖާޖު ކުރައްވާނެ ކަމަށެވެ.
"އެލަވަންސް ކަނޑާލިއަސް މުސާރަ ކަނޑާލިއަސް ދަތުރުތައް ކަނޑާލި ކަމުގައި ވިއަސް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިކަމަށް ހައްލެއް ނުލިބޭހާ ހިނދަކު އަޅުގަނޑުމެން މި އިހުތިޖާޖު ކުރިއަށް ގެންދާނަން." މަހުލޫފު ވިދާޅުވި އެވެ.
ސުލޫކު ކޮމިޓީ އިން އިއްޔެ ތިން މެމްބަރުންނަށް އެޅި ފިޔަވަޅަކީ އެ މަހުގެ ކޮމިޓީތަކުގެ ހާޒިރީ އިން 55 ޕަސެންޓް އުނިކޮށް ކުރިއަށް އޮތް ތިން މަހު މަޖިލީހުގެ އެއްވެސް ދަތުރެއްގައި ބައިވެރިނުކުރުމެވެ.
ރިޔާސަތު މޭޒު ކައިރިއަށްދާ މެމްބަރުންގެ ކޮމިޓީ އެލަވަންސް އުނިކުރަން މަޖިލީހުން ފާސްކުރީ މި ހަފްތާގެ ހޯމަ ދުވަހު ބެއްވި މަޖިލީހުގެ ޖަލްސާގައި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 62،500 ރުފިޔާގެ މުސާރައިގެ އިތުރުން ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ކޮމިޓީ އެލަވަންސް ދެނީ ކޮމިޓީތަކުގެ ހާޒިރީން 75 ޕަސެންޓަށް ވުރެ މަތިން ހޯއްދަވައިގެން ނެވެ.