ޤާހިރާ : މީގެ ދެހަފްތާއެއްހާ ދުވަސްކުރިން މަޤާމުން ދުރުކުރެވުނު މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ އަޢުވާނުންނާއި އޭނާގެ ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބެވި ބައެއް ވަޒީރުން މިސްރުން ފުރުން މަނާކޮށް އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ކަންތައް މިސްރުގެ ވަގުތީ ސަރުކާރުން ފަށައިފިއެވެ.

މިސްރުގެ ބަންޑާރަނައިބުގެ އޮފީހުން ވަނީ މުބާރަކްގެ ސަރުކާރުގެ ގިނަވަޒީރުންނާއި ސަރުކާރުގެ އިސް އެހެން މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މުބާރަކްގެ ބައެއް އައުވާނުން ޤައުމުން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައެވެ.

މީގެއިތުރުން ކުރީގެ ދެވަޒީރުން ކަމަށްވާ ޓުރިޒަމް މިނިސްޓަރ ޒުހައިރު ޖަރާނާއާއި ހައުސިންގ މިނިސްޓަރ އަޙްމަދުލްމަޣްރިބީ އާއި މުބާރަކްގެ އަޢުވާނެއްގެ ގޮތުގައި އުޅުއްވި ވިޔަފާރިވެރިއެއް ކަމަށްވާ އަޙްމަދު އިއްޒު ގެ މައްޗަށް ދައުލަތުން ކުރާ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ޤާހިރާގެ ޖިނާއީ ކޯޓުގައި މިއަދު ބޭއްވިއެވެ.

މިސްރުގައި މިހާރު ވެރިކަންކުރާ ޢަސްކަރީ ސަރުކާރުންވަނީ މުބާރަކްގެ ސަރުކާރުގެ އިސްބޭފުޅުންގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވިފައިވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރާނެ ކަމަށް ބުނެފައެވެ.
ކުރީގެ މިދެވަޒީރުންނާއި މުބާރަކްގެ އަޢުވާނެއްކަމަށްވާ އަޙްމަދު ޢިއްޒު މިއަދު ޤާހިރާގެ ޖިނާއީ ކޯޓަށް ޙާޒިރު ކުރެވުނުއިރު މިސްރުގެ ޢާންމުންގެ އެތަށް ހާސްބަޔަކު އެކޯޓްގެ ކުރިމައްޗަށްއެއްވެ މިތިންބޭފުޅުންނާއި މުބާރަކްގެ އެހެން އަޢުވާނުންނަކީވެސް ވަގުންކަމަށް ގޮވައި އަޑުގަދަކޮށްފައިވެއެވެ.

މިތިންބޭފުޅުންނާއެކު މުބާރަކްގެ ދުވަސްވަރުގެ ދާޚިލީ ވަޒީރު ޙަބީބުލްޢާދިލީވެސް މިހާރުވަނީ ކޮރަޕްޝަނުގެ ތަޙްޤީޤްތަކެއް ކުރުމަށްޓަކައި 15 ދުވަހުގެ މުއްދަތަށް ޖަލަށްލެވިފައެވެ. ނަމަވެސް މިހަތަރު ބޭފުޅުންވެސް ޖަލަށްލެވިފައިވަނީ ކޮންމެ 15 ދުވަހަކުން ޖަލުގެ މުއްދަތު އިިތުރުކުރެވޭ ގޮތަށެވެ.
ކުރީގެ ދާޚިލީ ވަޒީރު ޙަބީބުލްއާދިލީއަކީ ޖަލުމީހުންނަށް އަނިޔާކުރުމުގެ ފަހަތުގައިވާ ކަމުގެ ތުހުމަތުތަކެއްވެސް ކުރެވިފައިވާ ވަރަށް ހަރުކަށި ބޭފުޅެކެވެ. -- އަލްޖަޒީރާ