ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަ ނުވެއްޖެ ނަމަ އދ. އަތޮޅު ކައުންސިލް ރޫޅާލުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ހައިކޯޓަށް މައްސަލަ ހުށަހަޅާނެކަން ހޯމް މިނިސްޓަރު އެ ކައުންސިލަށް އަންގައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި މިއަދު އދ. އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ މިނިވަން ދުވަސް ފާހަގަކުރާ ކަހަލަ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ބުނެ، މިނިވަން 50 ފާހަގަކުރުމާ ބެހޭ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ ކައުންސިލްގެ އެ ނިންމުމަކީ ގާނޫނު އަސާސީ އިން ކަނޑައަޅާފައިވާ އިމުން ބޭރުން އަދި ލާމަރުކަޒީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެނިންމުން އަނބުރާ ގެންދަވައި އެކަމަށް މައާފަށް އެދުމަށް ހޯމް މިނިސްޓަރު ވަނީ އެ ކައުންސިލަށް އަންގާފަ އެވެ.

އެންގުމަށް އަމަލުނުކޮށްފި ނަމަ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އދ. އަތޮޅު ކައުންސިލް ރޫޅާލުމަށްޓަކައި އެލްޖީއޭ މެދުވެރިކޮށް ހައިކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.