ޕިއްޒާ ބަންދު ކުރާ ފޮށްޓާއި ތައްޔާރީ ކާނާތަކުގެ ޕެކޭޖިންގައި ހިމެނޭ ކެމިކަލެއްގެ ސަބަބުން މާބަނޑު މީހުން ބައިގެންދިއުމަށް މަގުފަހިވުމުގެ ފުރުސަތު 16 ގުނައަށް އިތުރުވެގެންދާ ކަމަށް ޑެންމާކްގެ ސައިންސުވެރިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ޑެންމާކުގެ ސައިންޓިސްޓުން ކުރި ދިރާސާގައި ބައިވެރިވި 392 މާބަނޑު މީހުންގެ ތެރެއިން 56 އަންހެނުން ވަނީ މިސްކެރިޖް (ބައިގެންގޮސްފަ)އެވެ. އެ ދިރާސާތަކުން ދައްކާގޮތުން އެ 56 އަންހެނުންގެ ހަށިގަނޑުން ގިނަ އަދަދަކަށް "އެންޑޯކްރައިން-ޑިސްރަޕްޓިން ޕޮލީފްލޫރިނޭޓެޑް އެލްކައިލޭޓެޑް ސަބްސްޓެންސް" (ޕީއެފްއޭއެސް) ވަނީ ފެނިފައެވެ.

ޕީއެފްއޭއެސް އަކީ ކާނާގެ ބާވަތްތައް، ފެނާއި ގްރީސްއިން "ޕެކޭޖިން" ރައްކާތެރިކުރުމަށް ބޭނުންކުރާ ކެމިކަލް މާއްދާއެކެވެ. އެ ކެމިކަލް އާންމުކޮށް ބޭނުންކުރަނީ ފާސްޓް ފުޑްތަކުގެ ޕެކޭޖިން، ފޮށިގަނޑުފަދަ ތަކެއްޗާއި ކުޅިވަރުކުޅޭ މީހުން ބޭނުންކުރާ އަންނައުނުގެ ބާވަތްތައް އުފެއްދުމުގައެވެ.

އެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޓީނާ ކޯލްޑް ޖެންސެން، "އާރުޓީ" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕީއެފްއޭއެސް އަކީ ސީދާ ކާބޯތަކެތީގައި ހުންނަ މާއްދާއަކަށް ނުވުމުން، ކާބޯތަކެތީގައި ހިމެނޭ ކެމިކަލެއްގެ ގޮތުގައި އެ މާއްދާތައް ހިމަނާފައި ނުވާ ކަމަށެވެ. ނަމަވެސް އެ މާއްދާއަކީ މާބަނޑު މީހުންގެ ބަނޑުގައި އޮންނަ ދަރިފުޅަށް ވަރަށް ބޮޑަށް ގެންލުން ހުރި މާއްދާއެއްކަން ހޯދުންތަކުން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީއެފްއޭއެސްއަކީ އިންސާނުންނަށް ގެއްލުން ލިބޭ މާއްދާއެއްކަން މީގެކުރިން ފާހަގަކުރެވިފައި ވީ ނަމަވެސް، މި ދިރާސާއިން ހާމަވިފަދަ ބޮޑު ނުރައްކާތެރިކަމެއް ކުރިމަތިވެދާނޭ ކަމަށް މީގެ ކުރިން ބެލެވިފައި ނުވާ ކަމަށެވެ.