އިބްރާހީމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގައި މުޒާހަރާ ކުރި 13 މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.

މިއަދު ޝަރީއަތް ފަށާފައިވާ މީހުންނަކީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ އާއި މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅާއި ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރާއި މއ. ނާރިނގުގޭ މުހައްމަދު އިބްރާހީމް މަނިކު އާއި ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރާއި ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ އާއި މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދާ އާއި ހ. ޓިވެގާލައިޓް ފަރީޝާ އަހްމަދާއި މ. ތަންތާރަ، އާމިނަތު ޒިމްނާ އާއި ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ އާއި ގ. ދުވާފަރު، އާއިޝަތު މަމްދޫހާގެ އިތުރުން މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދެވެ.

މިއަދު ބޭއްވި ޝަރީއަރުގެ މަޖިލީހުގައި އެމީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ 13 މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ މާޗް މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރު ހިފައިގެން އެއްވެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައިވާތީ ކަމަށެވެ.

ޝަރީއަތަށް ފަހު މުޒާހަރާ ކުރި މީހުން ޖަސްޓިސް ބިލްޑިންގްގެ ބޭރުގައި --- ސަން ފޮޓޯ/ އަލީ ނަސީރު

އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ދައުވާ ސާފުނުވާ ކަމަށް އެމީހުންގެ ތެރެއިން މަންދޫހާ ބުނުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނާ ގޮތުން އެއާޕޯޓުތަކުގައި އެއްވެ އުޅެވޭނީ ކަމާ ބެހޭ ފަރާތުން ހުއްދަ ހޯދައިގެން ކަމަށެވެ. އެހެންނަމަވެސް އެފަދަ ހުއްދައެއް ހޯދިކަން އެ މައްސަލައިގެ ލިޔެކިތުންތަކުން އެނގެން ނެތް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެމީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެއީ ޝަފީއާ ޒުބައިރު އާއި މުހައްމަދު އިބްރާހީމް މަނިކާއި ފަރީޝާ އަހްމަދާއި ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރެވެ.

އެ މައްސަލާގައި ޖުމްލަ 15 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ރާއްޖެއިން ބޭރުގައި އުޅޭތީ ދެމީހަކު ޝަރީއަތަށް ހާޒިރުވެފައެއް ނުވެ އެވެ. އެއީ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު އާއި މ. ފެހިފަތް ޔުމްނާ އެވެ.

ގާޒީ ސުޖާއު އުސްމާން ވިދާޅުވީ އެ ދެ މީހުން ޝަރީއަތަށް ހާޒިރުކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.

ދައުވާ ލިބޭ ޒަހުރާ މޫސާ ކޯޓު އަމުރު ދައްކާލަނީ --- ސަން ފޮޓޯ/ އަލީ ނަސީރު

ގާޒީ ސުޖާއު އުސްމާން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު ހަމަޖެއްސުމަށް އެމީހުންނަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު އެވެ.

އެ މައްސަލައިގެ ދެވަނަ ޝަރީއަތުގެ މަޖިލީސް އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.