ރަށްރަށުގެ ރައްޔިތުންނަށް މުހިއްމުވާނީ އެ ރަށްރަށުގެ ތަރައްގީ އާއި އަސާސީ ހިދުމަތްތައް ފުރިހަމަ ކުރަން ކަމަށާއި ސިޔާސީ ގޮތުން ވެރިކަން ކުރަނީ ކާކުތޯ ބަލާކަށް ރަށު ފެންވަރުގައި މުހިއްމު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސާއި އެ އަތޮޅުގެ ތިން ރަށެއްގެ ބައެއް ކައުންސިލަރުންނާއި އެހެން ބައެއް މީހުން ޕީޕީއެމް އަށް ސޮއިކުރުމަށް ކުރީގެ ރިޔާސީ ގަނޑުވަރު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ސިޔާސީ ފިކުރު މުހިއްމު ކަމަށާއި އެހެން ނަމަވެސް ހިދުމަތްތައް އެއަށް ވުރެ މުހިއްމުވާނެ ކަމަށެވެ.

"...ރަށްރަށުގެ ފެންވަރުގައި ސިޔާސީ ފިކުރަށް ވުރެ މުހިއްމުވާނީ، ލަފާ ފުރާނެ ގޮތެއް ނެތިއްޔާ ބަނދަރު މުހިއްމުވާނީ. ތައުލީމު މުހިއްމުވާނީ. ސިއްހީ ރަނގަޅު ފެންވަރު ލިބޭނެ ގޮތްތަކެއް ބޭނުން ވާނީ. ރަށްރަށަކަށް މުހިއްމެއް ނުވާނެ ސިޔާސީ ގޮތުން ވެރިކަން ކުރަނީ ކާކުތޯ ބަލާކަށް. ނޫނީ ސިޔާސީ ގޮތުން މިތާ މިއޮތީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯ ބެލުމެއް ނޫން ރަށްރަށުގައި އާއްމު ފެންވަރުގައި މުހިއްމުވާނީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރާ ތަރައްގީގެ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި ރަށްރަށުގެ ކައުންސިލަރުންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ތިއްބަވައިގެން ނޫނީ ސަރުކާރަށް އެމަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްއަށް ސޮއިކުރެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު އާރިފާއި އެ އަތޮޅު ފޭދޫ ކައުންސިލްގެ ނައިބު ރައީސް ހާމިދު ޔޫސުފާއި އެކައުންސިލްގެ ނައިބު ރައީސް ހުސައިން ސަލާހާއި ބިލެއްފަހި ކައުންސިލްގެ ރައީސް ޢަބުދުﷲ ޒިޔާދާއި ނައިބު ރައީސް ޢަބުދުﷲ މުފީދާއި އެކައުންސިލްގެ މެމްބަރު އަސްލަމް އިސްމާއީލެވެ. އަދި އޭގެ އިތުރުން ށ. ކަނޑިތީމާއި ބިލެއްފައްސާއި ފޭދޫގެ ބައެއް އެހެން ބޭފުޅުން ވެސް މިއަދުގެ ރަސްމިއްޔާތުގައި ޕީޕީއެމަށް ސޮއިކުރެއްވި އެވެ.