މައުލޫމާތެއް ސާފުކުރަން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައިފި އެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ، މިއަދު ހަވީރު 4:00 އަށް އިމްރާން އިމިގްރޭޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އަދި އިމިގްރޭޝަނަށް ހާޒިރުވެވަޑައިގަންނަވާއިރު ޕާސްޕޯޓް ވެސް ހިއްޕަވައިގެން ވަޑައިގަތުމަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިމިގްރޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތެއް ސާފުކުރުމަށް އިމްރާން ހާޒިރުކުރަނީ،" އެހެން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

އިމިގްރޭޝަނަށް އިމްރާން ހާޒިރުކުރަން ނިންމާފައިވާއިރު މިފަހަކަށް އައިސް އިމްރާން ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބާއްވަމުންގެންދާ އެއްވުންތަކުގެ އިސްސަފުގައި ހުންނަވައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިިދާޅުވަމުންނެވެ. އެގޮތުން މޭޑޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުން ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ނުކުރެއްވޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަައެވެ.