29 Apr 2015, 14:56
ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް ބާސްކެޓް މުބާރާތުގެ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެންޕިއަންކަން އިސްކަންދަރު ސްކޫލް ހޯދައިފިއެވެ.
އިންޓަރ ސްކޫލް ބާސްކެޓް މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ޗެންޕިއަންކަން އިސްކަންދަރު ހޯދީ އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލްގައި އިމާދުއްދީން ސްކޫލާ ވާދަކޮށް، 18-21 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެނެވެ. އެ އުމުރުފުރާގެ ފިރެހެން ބައިގައި މަޖީދިއްޔާ ސްކޫލާ ވާދަކޮށް 19-34 ޕޮއިންޓުން މެޗު ކާމިޔާބުކޮށް، ޗެންޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލެވެ.
މީގެ އިތުރުން ރޭ ކުޅުނު 16 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލްގައި ކާލާފާނު ސްކޫލް 33-43 ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު، އެ ބައިގެ ޗެންޕިއަންކަންވެސް އިސްކަންދަރު ސްކޫލްގެ އަންހެން ޓީމް ވަނީ ހޯދާފައެވެ. ޣާޒީ ސްކޫލާ ވާދަކޮށް 46-49 ޕޮއިންޓުން މެޗު ކާމިޔާބުކޮށް އެ އުމުރުފުރާގެ ފިރެހެން ބައިގެ ޗެންޕިއަންކަން ހޯދީ ދަރުމަވަންތަ ސްކޫލެވެ.
އެ ދެ އުމުރުފުރައިގެ އިތުރުން، މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ކުޅުނު 12 އަހަރުން ދަށުގެ ފިރެހެން ބައިގެ ފައިނަލްގައި އިމާދުއްދީން ސްކޫލާ ވާދަކޮށް، 17-16 ޕޮއިންޓުން މެޗު ކާމިޔާބު ކުރުމަށްފަހު ޖަމާލުއްދީން ސްކޫލް ވަނީ އެ ބައިގެ ޗެންޕިއަންކަން ހޯދާފައެވެ. އަދި ކަލާފާނު ސްކޫލާ ވާދަކޮށް 11-19 ޕޮއިންޓުން މެޗު ކާމިޔާބު ކުރުމަށް ފަހު، އެ އުމުރުފުރައިގެ އަންހެން ބައިގެ ޗެންޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލެވެ.
މި މަހުގެ 11 ވަނަ ދުވަހު ފެށި އިންޓަރ ސްކޫލް ބާސްކެޓްބޯލް މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. ދެ ޖިންސު ހިމެނޭ ގޮތަށް ތިން އުމުރުފުރާއަކަށް ބަހާލައިން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި މިފަހަރު ވަނީ 14 ސްކޫލަކުން މުޅިއެކު 45 ޓީމު ވާދަކޮށްފައެވެ.