މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި 12 ކައުންސިލަކަށް އިންތިހާބުވެފައިވާ ކެންޑިޑޭޓުންގެ ހުވާ ކުރުމުގެ ކަންތައްތައް ފަސް ކުރުމަށް ހައި ކޯޓުން މިއަދު ހޯމް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފި އެވެ.

ހުވާ ކުރުން ފަސް ކުރުމަށް ހައި ކޯޓުން އަމުރު ނެރެފައި ވަނީ ހދ. ނޮޅިވަރަމްފަރު ރަށު ކައުންސިލާއި ހދ. އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާ އާއި ނ. މިލަދޫ ރަށު ކައުންސިލާއި ރ. މަޑުއްވަރީ ރަށު ކައުންސިލާއި ރ. އަތޮޅު ކައުންސިލުގެ މަޑުއްވަރީ ދާއިރާ އާއި ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލާއި ގދ. އަތޮޅު ކައުންސިލް ފަރެސް މާތޮޑާ ދާއިރާ އާއި އދ. ދަނގެތީ ރަށު ކައުންސިލާއި އއ. މަތިވެރި ރަށު ކައުންސިލާއި އއ. އަތޮޅު ކައުންސިލްގެ މަތިވެރީ ދާއިރާ އާއި ލ. ދަނބިދޫ ރަށު ކައުންސިލް އަދި ލ. އަތޮޅު ކައުންސިލްގެ އިސްދޫ ދާއިރާ އަށް ހޮވުނު ކެންޑިޑޭޓުންނެވެ.

ހައި ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ ކައުންސިލްތަކުގެ މައްސަލަ އިންތިހާބީ މައްސަލަތަކުގެ ގޮތުގައި އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ނިމުމުގެ ކުރިން ކެންޑިޑޭޓުން މަގާމުގެ ހުވާ ކުރުމަކީ މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކާއި އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ހައްގު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

"...އިސްވެ ބަޔާން ކުރެވުނު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ދާއިރާތަކުގެ ވޯޓާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާގެ މައްސަލަތަކުގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން ނުވަތަ ހައި ކޯޓުން ވަކި ގޮތަކަށް އަންގަންދެން މަތީގައި ބަޔާން ކުރެވުނު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ދާއިރާތަކަށް އިންތިހާބުވެފައިވާ ކެންޑިޑޭޓުންގެ މަގާމުގެ ހުވާ ކުރުން ފަސް ކުރުމަށް އަންގާ އަމުރުކޮށްފީމެވެ،" ހައި ކޯޓުގެ އަމުރުގައިވެ އެވެ.