ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު ކަމުގެ މަގާމަށް އަހުމަދު ސަލީމް (ނަންރީތި ސަލީމް) މިއަދު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް އޭނާ އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަައެވެ.

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު ކަމަށް ސަލީމް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް މިއަހަރުގެ ޖެނުއަރީ މަހު، ޑިފެންސް މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ އެވެ.

ނަންރީތި ސަލީމް އެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވަނީ މިމަހުގެ ކުރީ ކޮޅުގައެވެ. އަދި 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވި މެމްބަރުން ތެރެއިން 53 މެމްބަރުންގެ އިއްތިފާގުން ސަލީމް އެމަގާމަށް އައްޔަން ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ކަމާއި މެމްބަރުކަން ވެސް ކުރައްވާފައިވާ ސަލީމަކީ 1968 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވިބޭފުޅެކެވެ. އޭނާ ވަނީ ޑިޕްލޮމެޓިކް ދާއިރާ އިން ގިނަ ތަޒުރިބާތަކެއް ހޯއްދަވައެވެ. އެގޮތުންލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން އާއި ނިއު ޔޯކްގައި ހުންނަ ދިވެހި ޕާމަނަންޓް މިޝަންގައި ވެސް ސަލީމް ވަނީ މަސައްކަތްކުރައްވާފައެވެ.