ފަތުރުވެރިކަމާބެހޭ ވަޒީރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު އަދީބާ މަޝްވަރާ ކުރައްވަން ބޭނުންނުވާ ކަމަށާއި، އަދީބަކީ މަޝްވަރާ ކުުރުމަށް ހައިސިއްޔަތު ނެތް ބޭފުޅެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވަނީ އިދިކޮޅި ފަރާތްތަކާއި މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރޭ ހޮޓެލް ޖެންގައި 'އިސްމެހެލަ ހެރާ' ޕްރޮޖެކްޓް އިފްތިތާހު ކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.

" އަޅުގަނޑުގެ ފަރާތުން އިމްރާނާ ދެން ވާހަކަފުޅު ދައްކަވާނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު،" ރައީސް ވިދާޅުވިއެވެ.

'ސަން' އާއި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ " އަޅުގަނޑުމެން ބޭނުންވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރަން. އެނޫން ބޭފުޅަކާ މަޝްވަރާ ކުރަން ބޭނުންމެއް ނޫން. ޚާއްސަކޮށް އަދީބާ މަޝްވަރާ ކުރާކަށް އަޅުގަނޑު ނެތިން،" ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މަޝްވަރާއަށް ފުުރުސަތު ދެއްވި ކަމަށާއި ސީދާ ރައީސް އާއި އަދި ރައީސް ކަނޑައެޅުއްވި މަންދޫބުންނާއި އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރަނީ 'އުފުލޭ ވަރުގެ ބުރައެއް' ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުޅުމާލޭގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވެފައި ވަނީ މޭޑޭގެ ހަރަކާތުގެ ކުރިން އަދީބު އެއްލައިލުމަށާއި އޭރުން ރައީސް ޔާމީނަކީ ބުއްދިވެރިއަކަށްވާނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ގާނޫނާޚިލާފު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވަން ދަތިފުޅުވާ ކަމަށް ވިދާޅުވެފައެވެ.

އިސްލާމް ދީނުގެ އުސޫލުތަކާއި ޚިލާފަށް ނުވަތަ ގާނޫނާ ޚިލާފަށް ނުވަތަ ރައްޔިތުންގެ ތަރައްގީއަށް ސަރުކާރުން ނުކޮށް ދޫކޮށްލާ ކަމެއް އޮތްނަމަ އެކަމެއް ހާމަކޮށްދެއްވުމުން "އިރާދަކުރެއްވިއްްްޔާ އަޅުގަނޑާއި އަޅުގަނޑުގެ ކެބިނެޓް އެކަން ކުރާނަން،" ރައީސް ވިދާޅުވި އެވެ.