މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތަކަށް ހާއްސަކޮށްގެން ތަމްރީނު ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މިއަހަރު ރަމަޟާން މަހު ފަހު 15 ގައި އުމްރާއަށްދާ ފަރާތްތަކަށް ތަމްރީނު ދިނުމަށް ބޭއްވި އެ ބައްދަލުވުމުގައި އެ ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ 300 މީހުންނަށް ތަމްރީނު ދީފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ ތަމްރީނު ސެޝަންގައި އުމްރާގެ އަޅުކަން އަދާކުރުމުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ބައިވެރިންނަށް ކިޔައިދީފައިވާ ކަމަށެވެ.

އެގޮތުން ސިއްހީ މައުލޫމާތާއި، އިޖުތިމާއީ މައުލޫމާތާއި، އުމްރާގެ އަޅުކަން އަދާކުރާނެ ގޮތުގެ ތަފްސީލާއި، ދީނީގޮތުން ދޭންޖެހޭ ހުރިހާ މައުލޫމާތެއްގެ އިތުރުން އުމްރާއަށް ގޮސް އުޅޭ އުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"މީގެ ބޭނުމަކީ އުމްރާއަށް ދާ ފަރާތްތައް އެކަމަށް ވީހާވެސް ބޮޑަށް އަހުލުވެރިކޮށް، އަޅުކަން އަދާކުރާނެ ގޮތް އެމީހުންނަށް އުމްރާއަށް ދިއުމުގެ ކުރިން ފުރިހަމައަށް އެނގިފައި އޮތުން،" އޮފިޝަލް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ތަމްރީނު ދިންއިރު އެތަނުގައި ގެފުޅުގެ މޮޑެލްއެއް ބަހައްޓާފައި ހުއްޓެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.