ގަދަކަމުން ވެރިކަން ދަމަހައްޓަން ޕީޕީއެމުން މަސައްކަތް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި އެހެން ބައެއް މީހުން ޕީޕީއެމްއަށް ސޮއިކުރުމަށް ކުރީގެ ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުދައްކަވަމުން ރައީސް ވިދާޅުވީ، ޕީޕީއެމަކީ ކޮންމެ ގޮތަކުން ވެރިކަމަށް އައިސް ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.

"... ރައްޔިތުންގެ ތަރުހީބާއި ރައްޔިތުންގެ ތާއީދު ލިބޭ ކަމަށް ވަންޏާ ދެން އަންނަ އިންތިހާބަކަށް ކުރިމަތިލަންޏާ މިޕާޓީން އަނެއްކާވެސް މީހަކު ކުރިމަތިލާނެ. ރައްޔިތުން ވޯޓް ދެއްވައިފި ކަމަށް ވަންޏާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ތިޔަ ބޭފުޅުން ތަނަވަސް ކޮށްދެއްވީ. މިޕާޓީއަކުންނެއް މިދެންނެވި ރޫހާ ހިލާފަށް، މިދެންނެވި ގޮތްތަކާ ހިލާފަށް ގަދަކަމުން ވެރިކަމުގައި ތިބޭކަށް ނޫނީ ވެރިކަން ހޯދާކަށް ކުރާނެ ހަމަ އެއްވެސް މަސައްކަތެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އަދި ވިދާޅުވީ ޕީއެޕީއެމް އަކީ ރައްޔިތުންގެ ތާއީދާ އެކީ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރަން ކެތްމަދުވެފައި އޮތް ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީ އިދިކޮޅުގައި ތިބެން ޖެހުނަސް ރައްޔިތުން ހަލަބޮލިކޮށް ރާއްޖޭގެ މަސްލަހަތު ނަގާލައި މުޅި ރާއްޖެއަށް ގެއްލުންވާ ކަމެއް ނުކުރާނެ ކަމަށެވެ.

".. މިޕާޓީގެ ފިކުރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކޮންމެ ގޮތަކުން ވެރިކަން ހޯދުން އެއީކީ. މިޕާޓީގެ ފިކުރަކީ ރައްޔިތުންނާ އެކީ ރައްޔިތުންގެ ސުލްހަޔަށް، ރައްޔިތުންގެ މަސްލަހަތަށް މުޅި ދިވެހިރާއްޖެއަށް ވިސްނާފައި ކުރާ މަސައްކަތް. އެހެންވީމާ އަޅުގަނޑުމެންނާ އެހެން ބައެއް ޕާޓީތަކާ ހުރި ތަފާތަކީ މިއީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދޭތެރޭ ދައްކާ ބައެއް ވާހަކަތަކަށް އެމަނިކުފާނު މިއަދު ވެސް ރައްދު ދެއްވިއެވެ. އެގޮތުން ރައްދު ދެއްވި އެއް ވާހަކައަކީ އެހެން ގައުމަކާ ސަރުކާރާ ދެމެދު ނުތަނަވަސްކަމެއް އުފެދިއްޖެއްޔާ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ދެކެވޭ ވާހަކައެވެ.

ވިދާޅުވީ އެފަދަ ކަމެއް ނުހިނގާނެ ކަމަށެވެ.

"... އަޅުގަނޑު ދޭން ބޭނުންވާ ވަރަށް ސާފު މެސެޖަކީ އިރާދަކުރެއްވިއްޔާ އެކަހަލަ އެއްވެސް ކަމެއް ނުހިނގާނޭ. އެކަހަލަ އެއްވެސް ކަމެއް ނުހިނގާނޭ، އެއްދޮރު ބަންދުވެއްޖެކަމަށް ވަންޏާ ތިން ހަތަރު ދޮރު ހުޅުވޭނޭ،" ރައީސް ވިދާޅުވިއެވެ.