ދިވެހިރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް އެޅުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި އިސްލާމިކް ޔުނިވާސިޓީގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރައްވަން ވޯޓު ދެއްވީ 55 މެމްބަރުން ނެވެ.

އިސްލާމިކް ޔުނިވާސިޓީގެ ބިލު ފާސްވުމާއިއެކު މަޖިލީހުގެ މެމްބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

ސައްތައިން ސައްތަ މި މުސްލިމު ގައުމުގައި މިއަދު ފާސްވެގެން ދިޔައީ ދިވެހިިރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމު ކުރުމަށްޓަކައި ފާސްކުރަންޖެހޭ ގާނޫނުގެ ބިލު ކަމަށް މަސީހު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ އިސްލާމިކް ޔުނިވާސިޓީ އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ މިނިވަން މުއައްސަސާއެއް ކަމަށެވެ.

ބިލްގައި ބުނެފައިވާ ގޮތަށް އިސްލާމީ ޔުނިވާސިޓީ އަކަށް ބަދަލު ކުރަނީ، މިހާރު ހުރި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އެވެ. ޔުނިވާސިޓީގެ އިންތިގާލީ ކައުންސިލަކަށް އޮންނާނީ ވެސް ކުއްލިއްޔާގެ ކައުންސިލެވެ. އަދި ޗާންސެލާ އަކަށް ބޭފުޅަކު ހަމައްސަވަންދެން، ވަގުތީ ޗާންސެލާއެއްގެ ގޮތުގައި ހުންނަވާނީ ކުލިއްޔާގެ މަޖިލީސް ރައީސް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދުގެ ސަރުކާރުންނާއި ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ކުރަމުންދާ މަސައްކަތަކީ ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތު ގާއިމް ކުރުމާއި ތުއްތު ކުދިންނާއި ޒުވާނުންގެ މެދުގައި އިސްލާމްދީނާ މެދު ލޯބި ޖެއްސުން ކަމަށެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަކީ ދިވެހިރައްޔިތުން އެކަމަކަށް ޓަކައި ތާ އަބަދަށް ފަހުރުވެރިވާނެ ގާނޫނެއް ކަމަށެވެ.