29 Apr 2015, 14:07
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އިންނަވައިގެން ކުރިއަށް ގެންދާ ޖަލްސާތަކުގައި މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތަށް ލިބިދޭ ހުރިހާ ބާރެއް ބޭނުން ކުރައްވާނޭ ކަމަށް މޫސަ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތާ ހަވާލުވުމަށްފަހު މޫސަ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގައި މަޖިލީހުގެ ރިޔާސަތަށް ލިބިދޭ ހުރިހާ ބާރެއް ބޭނުން ކޮށްގެން ކުރަންޖެހޭ ހުރިހާ ކަމެއް ގަވާއިދާ އެއްގޮތަށް އޭނާ ކުރަމުން ގެންދަވާނެ ކަމަށެވެ.
މޫސަ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ އިމުގެ ތެރޭގައި ހުރިހާ މެމްބަރުން މަޖިލީހުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް އެބައޮތް. ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހެޅުން އެބައޮތް. މި ރައްޔިތުންގެ މަޖިލީހަށް ގަވާއިދުގެ ދަށުން ގާނޫނު އަސާސީއާ އެއްގޮތަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ މި މަޖިލީހުގެ ރިޔާސަތުން އިއްޒަތްތެރި މެމްބަރުން ބަހުސް ކުރެއްވުމަށް ފުރުސަތު ދޭނެ މައްސަލަތައް ކަމަށް ދަންނަވަން،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، މިދިޔަ ދޮޅު މަހެއްހާ ދުވަސް ތެރޭގައި މަޖިލިސް ތަޅުމުގައި މެމްބަރުން އިހުތިޖާޖު ކުރެއްވުމުން މަޖިލީހުގެ ރައީސަށާއި ނައިބު ރައީސަށް އަނިޔާތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަންކަން ތަހައްމަލު ކުރުމަށްފަހު މަސައްކަތް ކުރައްވަމުން ދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ޓަކައި މަޖިލީހުގެ ތެރެއިން ވެސް މަސައްކަތްތަކެއް ކުރެވޭތޯ ކަމަށް މޫސަ ވިދާޅުވި އެވެ.
" އެހެންނަމަވެސް އިއްޒަތްތެރި މެމްބަރުން މިހާތަނަށް ފާސްކުރެއްވި ގަވާއިދުތަކުގައި މަޖިލީހުގެ ރިޔާސަތުން އަޅަން ކަނޑައަޅާފައިވާ ހުރިހާ ފިޔަވަޅުތައް އެޅެން ހުރި އެންމެ ފުޅާ ދާއިރާއެއްގައި ކެތްތެރިކަމާއި މަޑުމައިތިރި ކަމާއިއެކީގައި އަޅާނެ ވާހަކަ ވަރަށް ޔަގީން ކަމާއިއެކީގައި އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން،" މޫސަ ވިދާޅުވި އެވެ.