29 Apr 2015, 13:26
އިޖްތިމާއީ ޒިންމާގެ ދަށުން މާލޭގެ ހަތަރު މިސްކިތެއް ވިޔަފާރި ވެރިންގެ ޖަމިއްޔާއިން މަރާމާތުކޮށްފިއެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ސަން އަށް ވިދާޅުވީ " މިސްކިތްތަކުގެ މަރާމާތަށް އަވަސް ހައްލެއް ބޭނުންވެފައި!" ނަމުގައި ސަން އޮންލައިންގައި ލިޔުނު ރިޕޯޓެއްގެ ސަބަބުން އެޖަމިއްޔާގެ ސަމާލުކަމަށް އެކަން އައިސް މާލޭގެ ހަތަރު މިސްކިތެއް މަރާމާތު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ހުކުރު މިސްކިތަށް ވެލި ލުމާއި މިސްކިތުގެ ފޮތިތައް ބަދަލުކޮށްފައިވާއިރު ޝަހީދު އަލީ މިސްކިތުގެ ކުލަ އާކޮށް ހަލާކުވެފައި ހުރި ފާހާނާތަކުގެ ދޮރުތައް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކަޅުހުރާ މިސްކިތުގެ ފާހާނާ މަރާމާތުކޮށް ދޮރު ބަދަލުކޮށްފައިވާއިރު ޒިކުރާ މިސްކިތުގެ ސީލިންގު ރަނގަޅުކޮށް ކުލަލައި ހަދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި އެފަދަ މަރާމާތެއް މިސްކިތަށް ބޭނުން ނަމަ އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނައުމުން އެތަންތަން މަރާމާތުކޮށްދޭނަން،" އާސިފް ވިދާޅުވިއެވެ.
މިސްކިތްތައް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށް ފާހަގަކޮށް އާސިފް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.
މިސްކިތްތަކުގެ މަރާމާތަށް އަވަސް ހައްލެއް ބޭނުންވެފައި ނަމުގައި ސަން އޮންލައިންގައި މީގެ ދެ މަހާއި ދެ ހަފްތާ ކުރިން ޕަބްލިޝްކޮށްފައިވާ އާޓިކަލް އަކީ މިސްކިތްތައް ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހިފައިވާކަން ފާހަގަކޮށް ލިޔެފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓާއެކު މިސްކިތްތަކަށް ބޭނުންވެފައިވާ މަރާމާތުތަކުގެ ފޮޓޯތައްވެސް ހިމަނާފައިވާނެއެވެ.