އެމްޕީއެލްގެ ގުދަންމަތިން ވެއްޓުނު މީހާ މަރުވީ ވެއްޓި ބޯ ފަޅައިގެންގޮސް، ސިކުނޑިއަށް ލޭ އެރުމުގެ ސަބަބުން ކަމަށް އާއިލާ އިން ބުނެފި އެވެ.

މިއަދު ހެނދުނު 10:00 ޖަހާ އެހާކަންހާއިރު އެމްޕީއެލްގެ ގުދަނެއްގެ މަތީގައި މަސައްކަތް ކުރަމުންދަނިކޮށް 20 ފޫޓް މަތިން ވެއްޓި ސިކުނޑިއަށް ރޭ އަރައި، ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވީ ވިލިމާލެ، ގާމަ، މުހައްމަދު ހުސައިން، 41، އެވެ.

މުހައްމަދުގެ ހަށިގަނޑު މިހާރު ވަނީ އާ ސަހަރާ އަށް ގެންގޮސްފަ އެވެ. އާ ސަހަރާގައި ހުރި އޭނާގެ އާއިލާގެ މީހަކު ބުނީ މުހައްމަދަށް ފަރުވާ ދެމުންދަނިކޮށް ކުއްލިގޮތަކަށް މަރުވީ، ގުދަނުމަތިން ބެއްޓި ބޯވަތަށް ޖެހި ސިކުނޑީގެ ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެރުމުގެ ސަބަބުން ކަމަށެވެ.

"ބޭބެ ގުދަނުމަތިން ވެއްޓުނު ގޮތަށް ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެރިކަމަށްވަނީ. އެ ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ދެ ތިން ގަޑިއެއްހާއިރު ތެރޭގައި މަރުވީ."

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު އެމްޕީއެލްގެ ގުދަން މަތީގައި މަސައްކަތް ކުރަމުންދަނިކޮށް ވެއްޓުނީ ސޭފްޓީ ބެލްޓް ބޭނުންނުކޮށްހުއްޓަ އެވެ.