29 Apr 2015, 12:17
ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅިގަނޑުގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑްފްލާވާސް ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެތްފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެރޭ ޖައިލަމް މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.
އެހެންނަމަވެސް އެ މައްސަލައިގެ ޝަރީއަތް ނުފެށި ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިގަތްފައިނުވާތީ އެވެ. އެކަން ވަނީ ޕީޖީގެ އޮފިޝަލަކު ސަން އަށް ކަށަވަރު ކޮށްދީފަ އެވެ. ޕީޖީ އޮފީހުގެ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ކޯޓުން ބަލައިގަތްފައި ނުވާތީ މައްސަލާގައި ކުރިއަށްދާނެ ގޮތެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ކޯޓުން އެ މައްސަލަ ބަލައިނުގަތް ސަބަބެއް ޕީޖީގެ އޮފިޝަލު ވިދާޅެއްނުވެ އެވެ.
"އެކަން މިހާރު ވެސް ކުރިއަށްދަނީ. އެހެންވީމާ ސަބަބު ދެންނެވުމަކީ މަސްލަހަތު ހުރި ގޮތެއްނޫން،" ޕީޖީ އޮފީހުގެ އޮފިޝަލު ވިދާޅުވި އެވެ.
ޖައިލަމްގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތް ސަބަބު ސާފުކުރުމަށް ކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބުނުދެއްވާތީ ވަނީ އެކަން ސާފުވާ ގޮތް ނުވެފަ އެވެ.
ޖައިލަމްގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ބުނާ ގޮތުން އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 ދުވަސްތެރޭގައި އެމީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅަން ވާނެ އެވެ.
ޖައިލަމްގެ ހަށިގަނޑުގެ 12 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ އިރު، އޭޑީކޭ ހޮސްޕިޓަލުން ބުނީ އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.