29 Apr 2015, 12:27
ގައުމުގެ ސުލްހަ މަސަލަސްކަން ނަގާލާ އެއްވެސް އެއްވުމެއްގައި ނުވަތަ މުޒާހަރާއެއްގައި ބައިވެރިނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.
ނައިބު ރައީސް ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމުގެ އަމާންކަމާއި ސުލުހަ މަސަލަސްކަން ނަގާލާ ހަމަނުޖެހުމަށް މަގުފަހި ކުރުމަށް ބާއްވާ އެއްވުންތަކުގައި ބައިވެރިނުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ނައިބު ރައީސް ޖަމީލް މިހެން ޓުވީޓު ކުރައްވާފައި މިވަނީ އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމަށް ބޭއްވުމަށް ނިންމާފައި ވަނިކޮށެވެ. އެހެންނަމަވެސް އެ އެއްވުމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފު އެއްވެސް އަމަލެއް އެ އެއްވުމުގައި ނުހިންގާނެ ކަމަށެވެ. އަދި އެފަރާތްތަކުން ބުނީ ސަލާމަތީ ބާރުތަކުގެ އަމުރުތަކަށް ބޯލަނބާ ކިޔަމަންވާނެ ކަމަށެވެ.
Qaumuge amaankamaai, sulha masalaskan nagaalaa hamanujehumah magufahikurumah baavaa ehvunthakugai baiveri nuvumah ilthimaaskuran!
— Mohamed Jameel Ahmed (@MJameelAhmed)April 29, 2015
އެހެންނަމަވެސް ސަލާމަތީ ބާރުތަކުން އިއްޔެ ދިން ބަޔާނެއްގައި ބުނެފައި ވަނީ އިވެމުންދާ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުކީ ސުލްހަވެރި އެއްވުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ސަލާމަތީ ބާރުތަކުން ބުނީ އަތޮޅު ތެރެއިން މާލެ އަންނަ މީހުންގެ ކެއުން ބުއިމާ ނިދުމުގެ ކަންކަން ހަމަޖައްސައިގެން އައުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބުނީ އެއްވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކުން ވެސް ގާނޫނީ އިމުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ފުލުހުން ވަނީ އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކާ ބައްދަލުކޮށްފައި އެވެ.