ހދ. ނޭކުރެންދޫ ރަންވިލު ފާތިމަތު ޒަކަރިއްޔާ،65، (ފާތުމަ) މަރާލުމުގެ ކުށް ކ. ކުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށް ސާބިތުނުވިޔަސް، ފާތުމަގެ މޯބައިލް ފޯނު ވަގަށް ނެގުމުގެ ކުށް ޝަހީމްގެ މައްޗަށް ސާބިތުވާތީ އޭނާ ހަތަރު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ނޭކުރެންދޫ ރަންވިއުގެއިން ޝަހީމް މޯބައިލް ފޯނެއް ވަގަށްނެގިކަން، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ފާތުމަ މަރާލި ދުވަހާ ޖެހިގެން އައި ދުވަހު ޝަހީމް ކުޅުދުއްފުށީގައި ހުއްޓައި ހައްޔަރު ކުރުމަށް ފަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ޗެކްކުރި އިރު އޭނާގެ އަތުން ފެނުނު ނޮކިއާ ބައްތި ފޯނުގެ އައިއެމްއީ އައި ނަންބަރާއި ފާތުމަގެ ފޯނުގެ އައިއެމްއީއައި ނަންބަރާ ދިމާވާ ކަމަށް ފުލުހުން ވަނީ ހެކިބަސްދީފައެވެ.


އެ ފޯނާ ބެހޭގޮތުން ސުވާލު ކުރުމުން ޝަހީމް ބުނެފައި ވަނީ އެ ފޯނަކީ ކުޅުދުއްފުށީ މަގުމަތިން ދިމާވި މީހެއްގެ އަތުން އޭނާ ގަތް ފޯނެއް ކަމަށާއި އެ ފޯނު އޭނައަށް ވިއްކީ ކާކުކަމެއް ނޭނގޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އެފޯނު ލިބުނުގޮތެއް ޝަހީމަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، ވައްކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޣުރިބު ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ފާތުމަ މަރާލުމަށްފަހު އޭނާގެ ކަރުގައި އޮތް ދެ ރަންފަށާއި، ދެ ކަންފަތުގައި އޮތް ދެ ރަން ބޮޅާއި، އޭނާގެ ރަން ކެވެލިކޮޅާއި، ކަނާއަތު ދެ އިނގިއްޔެއްގައި އަޅާފައި އޮތް ދެ ރަން އަނގޮޓި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ވެސް ޝަހީމްގެ މައްޗަށް ދައުވާ ކުރިއެވެ.

އެ މައްސަލައާ ގުޅިގެން ހެކިބަސްދިން ބަނގުލަދޭޝްގެ ރައްޔިތަކު ބުނީ އޭނާ އަކީ ކުޅުދުއްފުށީ ފަހާތަނެއްގައި މަސައްކަތްކުރާ މީހެއް ކަމަށާއި ޑިއުޓީގައި ހުއްޓައި ޝަހީމް ގަހަނާތަކެއް ހިފައިގެން ވިއްކަން އެތަނަށް ދިޔަ ކަމަށެވެ.

ޝަހީމް ހުށަހެޅީ 5000 ރުފިޔާއަށް އެތަކެތި ވިއްކަން ކަމަށާއި އެހެންނަމަވެސް އެތަނުގައި މަސައްކަތްކުރާ އެހެން ބިދޭސީ މީހަކު 4000 ރުފިޔާއަށް އެ ގަހަނާތައް ގަނެފައިވާ ކަމަށް ހެބިބަސްދިން ބަނގުލަދޭޝްގެ މީހާ ބުންޏެވެ.

އެ ގަހަނާތަކަކީ ފާތުމަގެ ގަހަނާތަކެއްކަން ދައުލަތުން ޝަރީއަތަށް ސާބިތުކޮށްދީފައިނުވާތީ، ފާތުމަގެ ގަހަނާ ވަގަށް ނެގި ކަމަށް ބުނެ ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވެއެވެ.