ދީން ހިމާޔަތް ކުރުމުގެ ނަމުގައާ ދީނީ ކަންތައްތައް ދެހެއްޓުމަށް އުފެދިފައި ސިޔާސީ ޕާޓީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އިސްލާމިކް ޔުނިވާސިޓީގެ ބިލަށް ހުރަސް އެޅުއްވި ކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުން ނިހާން ވިދާޅުވީ އަދާލަތު ޕާޓީގެ "ހައިޖެކް" ކޮށްގެން އުޅޭ އެ ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި އެމަނިކުފާނުގެ ޕާޓީން އިސްލާމިކް ޔުނިވާސިޓީގެ ބިލު މަޖިލީހަށް ވެއްދި ހިސާބުން ފެށިގެން އެ ބިލަށް ހުރަސް އެޅުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

"ސުވާލު އުފައްދާ ކީއްވެތޯ ކޮން ގޮތަކަށްތޯ ހުރަސް އެޅުއްވުމަށް މަސައްކަތް ކުރެއްވީ. އަޅުގަނޑުމެންގެ މި މަޖިލީސް ތެރެ ހަލަބޮލިކޮށް މަޖިލީހުގެ ރިޔާސަތު ދޮށަށް ދުންމާރި ތާޅަފިލި ފަދަ ތަކެތި ގެންގޮސް މަޖިލީހުގެ ތެރެއިން އެތައް ބަޔަކު ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ޑޮކްޓަރަށް ދެއްކިޔަސް އެމީހުންގެ ކަންފަތުގެ އޮޕަރޭޝަންތަކަށްދާ ފައިސާ މި މުއައްސަސާއަށް ނުދެއްކޭނެ ވަރަށް އަމަލުތައް ބެހެއްޓީ އެމްޑީޕީ މެމްބަރުން. އެމީހުންނަށް ހިތްވަރުދީ އެކަންތައްތައް އެޖެންޑާ ކުރުމަށް ހުންނެވި މީހަކީ އަދާލަތު ޕާޓީގެ ރައީސް އިމްރާން،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީއެއް ގާއިމް ކުރުމަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމިކް ޔުނިވާސިޓީއެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދިޔަ މަސައްކަތަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހުރެގެން އެމްޑީޕީގެ މެމްބަރުން ލައްވާ ކުރެއްވި ކަންތައްތައް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވަނީ ކުށްވެރި ކުރައްވާފައި އެވެ.

"އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން. ވަރަށް ކެތްކޮށްފިން. އަޅުގަނޑަށް ވަރަށް ޝަކުވާ އާދޭ އަޅުގަނޑުގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުންގެ އަރިހުން. އަޅުގަނޑަށް ޔަގީން އެބޭފުޅުން [ޕީޕީއެމް މަޖިލިސް މެމްބަރުން] ހުންނާނީ ކެތްމަދުވެފައިކަން. އަޅުގަނޑުމެން ވަރަށް އެހީތެރިވެދިނީމު ބަޖެޓުގެ ދުވަސް ވަރުގައި ވެސް އެއްވެސް ޕާޓީއެއްގެ މެމްބަރެއް ތަފާތު ނުކޮށް ކަންތައްތައް ކޮށްދެވޭތޯ." މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވި އެވެ.