ނެޝެނަލް ވިޝަން 2020 އެކްޝަން ޕްލެން އެކުލަވާލުމުގެ ވޯކުޝޮޕް ފަށައިފި އެވެ.

މާބްލް ހޮޓެލްގައި މިއަދު ފެށި ވޯކުޝޮޕްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 66 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ އިން ފާސްކޮށްފައިވާ "ޔުނިވާސަލް ހެލްތު" ރިސޮލިއުޝަނާ އަދި އެ ޖަމިއްޔާގެ ގްލޯބަލް އެކްޝަން ޕްލޭން 2014-2019 ގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ރާއްޖޭގެ ކަމާގުޅުން ހުރި މުއައްސަސާތަކާއި އަމިއްލަ ފަރާތްތައް މަޝްވަރާކުރާނެ ކަމަށެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ގްލޯބަލް އެކްޝަން ޕްލޭނުގެ މަގުސަދަކީ ލޮލާ ގުޅުން ހުރި ސިއްހީ ހިދުމަތްތައް ފުޅާކޮށް، އާންމުންނަށް ފަސޭހައިން ލިބޭނެ ހިދުމަތަކަށް ހެދުން ކަމަށެވެ. އަދި ހިދުމަތް ލިބުމުގައި ހުރި ތަފާތުތައް ކުޑަކުރުމާއި ފެނުމުގެ ހިއްސުން މަހުރޫމްވެފައިވާ ފަރާތްތަކާއި ފެނުމުގެ ހިއްސުގެ ދަތިކަމާއި ކުރިމަތިލާ ފަރާތްތަކަށް ލިބެން ޖެހޭ އެހީތެރިކަން އިންތިޒާމް ކުރުން ކަމަށެވެ.

އެ ވޯކްޝޮޕްގައި ގްލޯބަލް އެކްޝަންޕްލޭންގެ އަމާޒުތައް ރާއްޖޭގައި ހާސިލު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލޮލުގެ ހިދުމަތާއި ގުޅުންހުރި ސިއްހީ ހިދުމަތްތައް މުރާޖަޢާ ކުރުމާއި ލިބެންހުރި މާލީ އަދި އިންސާނީ ވަސީލަތްތައް ވަޒަންކުރުމާއި ރާއްޖޭގެ އާބާދީގައި ލޮލުގެ މައްސަލަތަކާއި ފެނުމުގެ ހިއްސުން މަހުރޫމުވުމަށް ދިމާވާ ސަބަބުތައް ދެނެގަތުން ހިމެނެ އެވެ.

އިންޓަނޭޝަނަލް އެޖެންސީ ފޯ ޕްރިވެންޝަން އޮފް ބްލައިޑްނަސްގެ ފަރާތުން މާލީ އަދި ފަންނީ އެހީ ލިބިގެން ކުރިއަށްގެންދާ ބައްދަލުވުން އިންތިޒާމް ކޮށްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުންނެވެ. އެ ވޯކުޝޮޕްގައި ތަފާތު 20 ފަރާތަކުން ބައިވެރިވެފައިވެ އެވެ.