29 Apr 2015, 11:48
ހދ. ނޭކުރެންދޫ ރަންވިލު ފާތިމަތު ޒަކަރިއްޔާ،65، (ފާތުމަ) މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ކ. ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ޝަހީމް ދައުވާއަށް އިންކާރުކުރުމުން، ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ، އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުނުވާ ކަމަށެވެ.
ޝަހީމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޢުރިބް ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ނޭކުރެންދޫ ރަންވިއު ގެއަށް އޭނާ ގޮސް އުޅުމުގެ ތެރޭގައި އެގޭ ކޮޓަރިތެރޭގައި އޮތް ތުވާލިގަނޑެއް ނަގައިގެން ފާތުމަ ފަހަތުން ގޮސް ތުވާލިގަނޑާ އެކު ފާތުމަގެ އަނގަ އާއި ނޭފަތާއި އެއްކޮށް ހިފަހައްޓައި ނޭވާ ހާސްކޮށް އޭނާ މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ޝަރީއަތުގައި ދައުވާއަށް އިންކާރުކުރިނަމަވެސް ޝަހީމް ވަނީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވެފަ އެވެ.
ފާތުމަ މަރުވެފައި އޮއްވާ ފެނުނުމުން އެންމެ ފުރަތަމަ އެރަށު މީހުން ހީކުރީ އެއީ ގުދުތަރީ މަރެއް ކަމަށެވެ. ސަބަބަކީ އޭނާގެ ހަށިގަނޑުން އެއްވެސް ކަހަލަ ޒަޚަމެއް ފެންނަން ނެތުމުންނެވެ. ފާތުމަ މަރާލާފައި ވަނީ ގަސްދުގައިކަން އެނގުނީ އޭނާ ވަޅުލިތާ ދުވަސްކޮޅެއް ފަހުންނެވެ.
އެ މައްސަލާގައި ހެކިބަސްދިން ބައެއް މީހުން ބުނީ ފާތުމަގެ ކަށުކަމާ ކެމީގެ ކަންތަކުގައި ވެސް ޝަހީމް ބައިވެރިވެފައިވާ ކަމަށާއި އެއިރު، އޭނާގެ މައްޗަށް އެފަދަ ތުހުމަތެއް ނުކުރެވޭ ކަމަށެވެ. އަދި ފާތުމަ މަރުވި ދުވަސްނޫން ކުރީދުވަހު ފާތުމަ އިސްވެ ޝަހީމާ ވާހަކަދެއްކި މަންޒަރު ފެނުނު ކަމަށް ބައެއް މީހުން ވަނީ ހެކިބަސްދީފައެވެ.
ހެކިބަސް ދިން އެރަށު މީހަކު ބުނެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސުނުފަހުން ފަތުމަގެ ޚަބަރެއް ނުވެގެން މާލޭގައި އުޅޭ އޭނާގެ ދަރިއަކު ތަކުރާރުކޮށް ގުޅާތީ އެގެއަށް އޭނާ އެގެއަށް ދިޔައިރު ގޭގެ ދޮރުލައްޕާފައި ހުރުމުން ދޮރުގައި ޓަކި ދީގެންވެސް ފާތުމަގެ އަޑެއް ނީވުނު ކަމަށެވެ.
އެހެންވެ ދަނޑިބުރިއަކުން އެގޭގެ ފުރާޅުގައި ޖެހުމުން ވެސް ފާތުމަގެ އަޑެއް ނީވޭތީ ފުލުހުންގެ ހުއްދައާ އެކު އެގޭ ކުޑަދޮރުގައި ހުރި ލޫވާތައް ނައްޓާލައި އެގެއަށް މީހަކު ވައްދައި ބެލިއިރު ކޮޓަރިއެއްގެ ތެރޭގައި ފާތުމަ އޮތީ މަރުވެފައި ކަމަށް ހެކިބަސްދީން މީހާ ވަނީ ބުނެފަ އެވެ.