ބާރުގަދަ ބިންހެލުމެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ނޭޕާލަށް ހެޔޮ އަގެއްގައި ގުޅޭނެ ގޮތް އުރީދޫ އިން ތައާރަފްކޮށްފި އެވެ.

އުރީދޫގެ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަހުމަދު ދީދީ (މަރީ) މިއަދު ސަން އަށް ވިދާޅުވީ އާންމުކޮށް އުރީދޫގެ ކަސްޓަމަރުންނަށް ނޭޕާލަށް ގުޅޭ އަގަކީ 3.40 ރުފިޔާ ކަމަށް ވިޔަސް އަންނަ މަހުގެ 10ގެ ނިޔަލަށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ނޭޕާލަށް 1.49 ރުފިޔާ އަށް ގުޅޭނެ ކަމަށެވެ.

ރޭ 12:00ގެ ނިޔަލަށް އުރީދޫ އިން ހަމަޖައްސާފައި ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ގުޅޭ ގޮތަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ކުންފުންޏަކީ، ޖީއެސްއެމްއޭގެ ހިއުމަނިޓޭރިއަން ކަނެކްޓިވިޓީ ޗާޓްގައި ހިމެނޭ ކުންފުންޏެކެވެ. އެގޮތުން އެ ސެކްޓާ މެދުވެރިކޮށް މޯބައިލް އޮޕްރޭޓަރުން އިންސާނިއްޔަތަށް މަސައްކަތް ކުރުމުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް އަމަލު ކުރުމަށް އެ ކުންފުނިން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

މީގެ ހަތަރު ދުވަސް ކުރިން ނޭޕާލަށް އައި 7.9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމުން އެތައް ބަޔަކު މަރުވެ އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފަ އެވެ.