މަންދު ކޮލެޖުގެ އިމާރާތަށް އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ބަދަލު ކުރީ އެ ކުދިންގެ ކިޔެވުން މެދުކެނޑުނަ ނުދިނުމަށް ޓަކައި ސަރުކާރުން ހެޔޮ ނިޔަތުގައި ވަގުތީ ގޮތުން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.

އަރަބިއްޔާގެ ސްކޫލް ބޯޑުގެ ބައެއް މެންބަރުންނާއި ބައެއް ދަރިވަރުންގެ ބެލެނިވެރިން ދައުވާ ކުރާ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ ފާތުމަތު ފިލްޒާ ވިދާޅުވީ އުނގަންނައިދިނުމާއި ތަރުބިއްޔަތުގެ މަގު ފަހިކޮށްދިނުމަކީ ދައުލަތަށް ކުޅަދާނެވެގެންވާ މިންވަރުން ކުރުން ލާޒިމް ކަމެއް ކަމަށެވެ. މި ހައްގު އެއްވެސް ތަފާތު ކުރުމެއް ނެތި އަރަބިއްޔާގައި ވެސް ކިޔަވަމުންދާ އެތައް ސަތޭކަ ދަރިވަރުންތަކަކަށް މެދުކެނޑުމެއް ނެތި ދިނުމަށްޓަކައި އެކުދިން މަންދު ކޮލެޖަށް ބަދަލު ކުރީ ހެޔޮ ނިޔަތުގައި ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ވަކީލާ ވިދާޅުވީ މަންދު ކޮލެޖަށް އަރަބިއްޔާގެ އޭޕްރީލް 7، 2010 ގައި ބަދަލު ކުރީ މަންދު ކޮލެޖާއެކުވެފައިވާ އެގްރިމެންޓެއްގެ ދަށުން ޑިސެމްބަރު 31، 2011 އާ ހަމައަށް ކަމަށެވެ. ވަކީލާ ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުން މަންދު ކޮލެޖަށް ބަދަލުކޮށްފައި އެ ވަނީ ހާއްސަ ހާލަތެއްގައި އަރަބިއްޔާގެ ހިންގަމުން އައި އިމާރާތް ބާވެ ހަލާކުވެ އެތަނުގައި ނުކިޔެވޭވަރު ވުމުން ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދައުވާ ކުރާ ފަރާތްތަކުން ދައުވާގައި ހަގީގަތާ ހިލާފް އެތައް ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ. އެގޮތުން ކްލާސް ރޫމްތައް މަދުކަމުން ބައެއް ކްލާސް ރޫމްތަކުގައި 40 ކުދިން ތިބެން ޖެހޭ ކަމަށް ދައުވާގައި ބުނެފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. ނަމަވެސް އެއީ ދޮގެއް ކަމަށާއި އެންމެ ގިނަ ވެގެން ވެސް ކްލާސް ރޫމެއްގައި ތިބެން ޖެހޭނީ 38 ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮމްޕިއުޓާ ލެބޯޓްރީ އާއި ލެބޯޓްރީގެ ހިދުމަތް އަރަބިއްޔާގެ ދަރިވަރުންނަށް ނުލިބޭ ކަމަށް ދައުވާގައި ބުނުމަކީ ވެސް ދޮގެއް ކަމަށް ވަކީލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަރަބިއްޔާ އާއި ސައިރިކްސް ކޮމްޕިއުޓާސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިން ވެސް އެ ކުދިންނަށް ކޮމްޕިއުޓަރު އުނގެނުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މަގު ވެސް ތަނަވަސްކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ސްކޫލްގެ މެނޭޖްމަންޓުން ދަރިވަރުންނަށް އެ ހިދުމަތް ފޯރުކޮށްނުދިނުމަކީ ދައުލަތުގެ މައްސަލައެއް ނޫން ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ވަކީލާ ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުންގެ އެއްވެސް ހައްގަކަށް އުނިކަމެއް އައިސްފައިނުވާތީ މި މައްސަލައިގައި ދައުލަތުން އުފުލަން ޖެހޭ އެއްވެސް ޒިންމާއެއް ނެތް ކަމަށާއި ދައުލަތުގެ އެއްވެސް އިދާރާއެއްގެ މައްޗަށް ނެރެން ޖެހޭ އަމުރެއް ވެސް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދައުވާ ކުރާ ފަރާތްތަކުގެ ވަކީލާ އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދައުލަތަށް ރައްދު ދެއްވަމުން ވިދާޅުވީ އަރަބިއްޔާގެ ކުދިން މަންދު ކޮލެޖަށް ބަދަލުކޮށްފައި ވަނީ ވަގުތީ ގޮތުން ކަމަށް ބުނާއިރު މިހާތަނަށް އަރަބިއްޔާގެ އާ އިމާރަތުގެ މަސައްކަތް ފަށާފައި ވެސް ނުވާ ކަމަށެވެ. އަދި ސްކޫލް މެނޭޖްމަންޓުގެ ބޮލުގައި ޒިންމާ އަޅުވާއިރު އެއީ ވެސް ދައުލަތުގެ މުވައްޒަފުން އަދި ސިވިލް ސާވަންޓުން ކަމަށް އާޒިމާ ވިދާޅުވި އެވެ. މީގެ އިތުރުން އަރަބިއްޔާގެ ދަރިވަރުންގެ ހައްގުތައް ފުރިހަމަވެފައިވޭތޯ ބެލުމަކީ އެޑިއުކޭޝަން މިނިސްޓަރުގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވާހަކަތަކަށް ލިޔުމުން ފުރިހަމަ ރައްދެއް ދެއްވުމަށް ވެސް އާޒިމާ އެދިވަޑައިގަތެވެ. އެ މައްސލަ ބައްލަވާ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިއަދުގެ އަޑުއެހުން ނިންމާލެއްވީ އާޒިމާއަށް އެ ފުރުސަތު ދެއްވުމަށް ފަހު އެވެ.