12 Apr 2010, 10:42
14:30
ހުޅުމާލޭގެ 488 ފްލެޓަށް ޝަރުތު ހަމަނުވެގެން އެޗްޑީސީން ކެލްސަލްކުރި ފަރާތްތަކުގެ ތެރެއިން ހައްގު ހޯދަން ކޯޓަށްދިޔަ އެއްވެސް ފަރާތަކަށް ފްލެޓް ދޭން މިހާތަނަށް ކޯޓުން ނިންމާފައިނުވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީގެ ސީނިއަރ ސްޓޭޓް އޮފިސަރ ހަދީޖާ ލީޒާ މިއަދު ވިދާޅުވީ މިދިޔަ އަހަރު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ޤާއިމްކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 488 ފްލެޓްގެ ގުރުއަތަށް ހޮވުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވެގެން އެޗްޑީސީން ކެންސަލްކޮށްފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ޝަކުވާތައް ހުށަހެޅުމަށް ހުޅުވާލެވުނު ކަމަށާއި އަދި އެ މުއްދަތަށް ފަހުވެސް ޝަރުތު ހަމަނުވާ ކަމަށް އެޗްޑީސީން އިޢުލާންކުރި ފަރާތްތަކުން އެޗްޑީސީގެ އެ ނިންމުމާ މެދު ހިތް ހަމަނުޖެހިގެން ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅިކަން އަންގާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް އެޗްޑީސީން ނިންމި ނިންމުން ކޯޓުން ބާތިލްކޮށްދީފައިނުވާ ކަމަށް ވެސް ލީޒާ ވިދާޅުވި އެވެ.
ލީޒާ އިތުރަށް ވިދާޅުވީ ކޯޓް މަރުހަލާގައި އުޅޭ ފަރާތްތަކުގެ ފްލެޓްތައް ވެއިޓް ލިސްޓްގައި ތިބި މީހުންނަށް އެޗްޑީސީން ދެނީ އެމީހުންގެ މައްސަލަތައް ވަކި ގޮތަކަށް ކޯޓުން ނިމުމުން ކަމަށެވެ. އަދި އެ 488 ފްލެޓްގެ ތެރެއިން މިހާތަނަށް ވަކި ގޮތެއް ނުނިމި ވަނީ ވެސް މިހާރު ކޯޓަށް މައްސަލަ ހުށަހަޅާފައިވާ 12 ފަރާތުގެ ފެލްޓް އެކަނި ކަމަށް ވެސް ލީޒާ ވިދާޅުވި އެވެ.