29 Apr 2015, 11:40
ރަށްރަށުގެ ބަނދަރު ހެދުމާއި މަރާމާތު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ބަނދަރު ހަދަން ހަވާލުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހދ. ކުމުންދޫ އާއި ނ. މަނަދޫގެ އިތުރުން ބ. އޭދަފުށި ހިމެނެ އެވެ. އެ މަޝްރޫތަކުގައި ސޮއިކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް އެވެ.
ހދ. ކުމުންދޫ ބަނދަރުގެ ބޭރުތޮށި ހެދުމާއި އެހެނިހެން މަރާމާތުތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 12.7 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް 150 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ. އަދި ނ. މަނަދޫ ބަނދަރު ހެދުމާއި ލައިޓްޖެހުމުގެ މަސައްކަތް 190 ދުވަސްތެރޭ ނިންމާ ގޮތަށް ޖުމްލަ 12.3 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ އިރު، ބ. އޭދަފުށީ ބަނދަރުގެ ކެޕިން ބީމް އަދި ޝީޓް ފައިލްކުރުމުގެ މަސައްކަތް 60 ދުވަސްތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ 2.9 މިލިއަން ރުފިޔާ އަށެވެ.
ބަނދަރު މަޝްރޫތަކުގައި ސޮއިކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ އަލީ ނަސީރު
ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ތަރަށްގީގެ މަޝްރޫތައް މި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަނީ ވަރަށް ހަލުވި ސްޕީޑުގައި ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމުމުން އެ ރަށްރަށުގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ވެސް ހިއްސާއެއް އޮތް ކުންފުންޏަކަށްވާ އިރު އެ ކުންފުންޏަށް ލިބޭ ކޮންމެ ކުރިއެރުމަކީ ދިވެހި ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ރެކޯޑް މިންވަރަކަށް ފައިދާ ވެފައިވާ އިރު އެކަމަށް ޓަކައި ދިވެހި ސަރުކާރަށް ހަލީމް ޝުކުރުއަދާކުރެއްވި އެވެ.
މަސައްކަތްތައް ހަވާލުކުރެވިފައިވާ މުއްދަތުގައި ފުރިހަމައަށް ނިންމައި ރައްޔިތުންނަށް އެ ބަނދަރުތައް ބޭނުންކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހަލީމް ދެއްވި އެވެ.