29 Apr 2015, 14:51
ޖަރުމަން ކަޕް ސެމީފައިނަލްގައި ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިޔުނިކް ބައްދަލު ކުރި މެޗްގައި ބަޔާންއަށް ލިބުނު ހުރިހާ ޕެނަލްޓީއެއް ނާކާމިޔާބުވެ ފައިނަލަށް ދިއުމަށް އެޓީމު ކުރި އުންމީދު ފެއިލްވެ ބޮރޫޝިއާ ޑޯޓަމަންޑް އެ މުބާރާތުގެ ފައިނަލަށް ހިނގައްޖެއެވެ.
މެޗްގެ 90 މިނެޓް އެއްވަރުވެގެން ނިމި އިތުރަށް ކުޅުނު 30 މިނެޓްގައިވެސް 1-1 ން އެއްވަރުވެގެން ނިމުނު އިރު މެޗްގައި ފުރަތަމަ ލީޑު ނެގީ ބަޔާން މިޔުނިކެވެ.
ފުރަތަމަ ހާފުގެ 29 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ޕޮލެންޑުގެ ރޮބަޓް ލެވެންޑޮސްކީއެވެ. ޑޯޓަމަންޑަށް މެޗު އެއްވަރު ކުރި ލަނޑު ދެ ވަނަ ހާފުގެ 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފްރާންސަށް އުފަން ގެބޯންގެ ޤައުމީ ޓީމްގެ ފޯވަޑް ޕިއާރް އެމެރިކް އުބަމެޔޯންގުއެވެ.
ޕެނަލްޓީގައި ޑޯޓަމަންޑު 2-0 ކާމިޔާބު ހޯދިއިރު އެޓީމްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަބެސްޓިއަން ކޭލްއާ އިލްކޭ ގޮންޑޯގަންއެވެ.

ޑޯޓަމަންޑްގެ ކުޅުންތެރިން މެޗުން މޮޅުވުމުން އުފާ ކުރަނީ ---ފޮޓޯ/އޭޕީ
މިމެޗަށް ނިކުތް އިރު ބުންޑެސް ލީގާގެ ޗެމްޕިއަންކަން ކަށަވަރުވެފައިވާ ބަޔާން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެއްވެސް ޕެނަލްޓީއެއް ކާމިޔާބުވާގޮތް ނުވިއެވެ. އެގޮތުން ޖަރުމަންގެ ފިލިޕް ލާމްއާ ސްޕެއިންގެ ޒާބީ އެލޮންސޯ ޖެހި ޕެނެލްޓީ ދިޔައި ގޯލާ އަމާޒުނުވެ ބޭރަށެވެ.
ބަޔާންގެ ކީޕަރު މެނައުލް ނޯޔާ ޖެހި ޕެނަލްޓީ ގޯލްގެ މަތީ ދަނޑިއަށް އަމާޒުވިއިރު މާރިއޯ ގޮޓްޒާ ޖެހި ޕެނަލްޓީ ޑޯޓަމަންޑާ ޖަރުމަންގެ ޤައުމީޓީމްގެ ދެ ވަނަ ގޯލްކީޕަރު ރޯމަން ވައިޑަންފެލާ ވަނީ ދިފާއުކޮށްފައެވެ.

ބަޔާންގެ ގޯލްކީޕަރު ރޯމަން ވައިޑަންފެލާ ޕެނަލްޓީ މަތަ ކުރުމުން ބަޔާންގެ ކުޅުންތެރިޔަކު އުފަލުން އޭނާގެ ގައިގަ ބައްދާލައިގެން --- ފޮޓޯ/އޭޕީ
މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ބަޔާންގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މިމެޗްގައި ބަޔާންއިން ވަރަށް މޮޅަށް ކުޅެފައިވާކަމަށާއި އޭނާގެ ކުޅުންތެރިން މެޗްގައި ދެއްކި ކުޅުމާމެދު ފަޚްރުވެރިވާ ކަމަށެވެ.

ބަޔާންގެ ކޯޗް ޕެޕް ގާޑިއޯލާ: އޭނާ ބުނަނީ ޑޯޓަމަންޑާ ދެކޮޅަށްކުޅުންތެރިން ދެއްކި ކުޅުމާމެދު ފަޚްރުވެރިވާ ކަމަށް --- ފޮޓޯ/އޭޕީ
މިސީޒަނަށް ފަހު ޓީމްގެ ކޯޗްކަން ދޫކޮށްލަން ނިންމާފައިވާ ޑޯޓަމަންޑްގެ ކޯޗް ޖޯޖަން ކޮލްފް ބުނީ އިއްޔެއަކީ ޑޯޓަމަންޑްގެ ދުވަހެއްކަމަށާއި ދެޓީމުންވެސް ވަރަށް ރަނގަޅަށް ކުޅުނުކަމަށެވެ.
"ބަޔާންއިން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު. ނަމަވެސް ދެ ވަނަ ހާފުގައި އަހަރެންގެ ޓީމުން ދެއްކި ކުޅުމުން މިޓީމަށް ނަތީޖާ ހަމަހަމަ ކުރުން ޙައްޤު. ދެޓީމުންވެސް ރަނގަޅަށް ކުޅުނު އެހެންނަމަވެސް މިއަދު ޑޯޓްމަންޑްގެ ދުވަހަކަށް ވީމާ ކާމިޔާބު ލިބުނީ،" ކޮލްފް ބުންޏެވެ.

ބޮރޫޝިއާ ޑޯޓަމަންޑްގެ ކޯޗް ޖޯޖަން ކޮލްފް: އޭނާ ވަނީ މިސީޒަނަށް ފަހު ޓީމް ދޫކޮށްލަން ނިންމާފައި --- ފޮޓޯ/ އޭޕީ
މިމެޗުން ޑޯޓަމަންޑް މޮޅުވުމުން އެޓީމް ފައިނަލް މެޗުގައި ބައްދަލު ކުރަންޖެހޭނީ މިރޭ އާމިނިއާ ބީލަފޭލްޑާއި ވޮލްފްސްބާގު ބައްދަލު ކުރާ ދެ ވަނަ ސެމީފައިނަލް މެޗުން މޮޅުވާ ޓިމަކާ ދެކޮޅަށެވެ. މިމެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ 11:30 ގައެވެ.