29 Apr 2015, 11:14
ކެރަމް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށް ގެންދާ ފަސްވަނަ އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ އަންހެން ޑަބަލްސް ފައިނަލަށް އައިމިނަތު ނިފާޝާ އާއި އަފީފުއްނިސާގެ ޕެއަރ ދަތުރުކޮށްފިއެވެ.
ނިފާޝާ އާއި އަފީފުއްނިސާ އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުން މިހާރު ޖާގަ ކަށަވަރު ކޮށްފައި ވާއިރު، އެ އިވެންޓުގެ ފައިނަލްގައި އެ ދެ ކުޅުންތެރިންނާ ވާދަކުރާ ޕެއަރ އިނގޭނީ އެ އިވެންޓުގެ ދެވަނަ ސެމީފައިނަލް ނިމުމުންނެވެ.
އަންހެން ޑަބަލްސް އިވެންޓުގެ ދެވަނަ ސެމީގައި ވާދަކުރަން ހަމަޖެހިފައި ވަނީ އައިމިނަތު ވިޝާމާ އަދި ރިފްގާ މުހައްމަދުގެ ޕެއަރ އާއި ފާތިމަތު ރަޔާން އަދި އައިމިނަތު ވިދާދުގެ ޕެއަރ އެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިރޭ އެވެ.
އަންހެން އިވެންޓުތަކުގެ އިތުރުން، ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އާއެކު މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓުތަކުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި އަށް ޕެއަރ ވެސް ވަނީ ކަށަވަރު ވެފައެވެ.
ފިރިހެން ޑަބަލްސް އިވެންޓުތަކުގެ ކުއާޓަރ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިރެއެވެ.
ފަސްވަނަ ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ކުއާޓަރ އަށް ދަތުރުކުރި ޕެއަރ ތަކަކީ ހަސަން ނާޒިމް އަދި އިބްރާހިމް ލިފާއުގެ ޕެއަރ އާއި ޝާފީ މުހައްމަދު އާއި އަހުމަދު ރިޟާގެ ޕެއަރގެ އިތުރުން، އަލްތާފް ވަހީދު އާއި އަހުމަދު ރުޝްދީގެ ޕެއަރ، އަލީ އާޒިމް އާއި އިބްރާހިމް ނާޒިމްގެ ޕެއަރ، އާދަމް އަދީލް އާއި މޫސާ ހާޝިމްގެ ޕެއަރ، އިސްމާއިލް ޝުޖާއު އާއި އިސްމާއިލް އަޒްމީންގެ ޕެއަރ، މައްޔާޝް ލަތީފް އާއި އަލީ ނިޝާމަންގެ ޕެއަރ އަދި އަހުމަދު ހާމިދު އާއި އަލީ ހަސަންގެ ޕެއަރ އެވެ.
މި މަހުގެ 23 ވަނަ ދުވަހު ފެށި ފަސްވަނަ ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕްގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ޖިންސުގެ އަންހެން އަދި ފިރެހެން އިވެންޓުތަކެވެ. އަދި އެ މުބާރާތުގައި މިރޭވެސް ދެ ޖިންސުގެ ޑަބަލްސް އިވެންޓުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.