ޕަބްލިކް ސާވިސް މީޑިއާގެ ބޯޑަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ހަތް ބޭފުޅުންގެ ނަން ކޮމެޓީން ފާސްކޮށްފި އެވެ.

ޕަބްލިސް ސާވިސް މީޑިއާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެއްގައި އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ނަންތަކާ މެދު ރުހުން ދިނުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

މިހާރު ކުރިއަށްދާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހަޅުއްވާފައިވަނީ އިންޓަވިއުއަކާ ނުލައި އެހަތް ބޭފުޅުންގެ ނަންތައް ފާސް ކުރުމަށެވެ. އެކޮމެޓީގައި މުގައްރަރާއެކު ޖުމުލަ އަށް ބޭފުޅުން ތިއްބެވިއިރު ހަ ބޭފުޅުންގެ ވޯޓުން ވަނީ އެގޮތަށް ފާސްވެފައެވެ. އެކަމާއި ދެކޮޅަށް ވޯޓް ދެއްވާފައިވަނީ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ ހަތް ބޭފުޅުންނަކީ ދައުލަތުގެ މީޑިއާ މިހާތަނަށް ހިންގަމުން އައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައި ހުންނެވި ދަފްތަރު ނަންބަރު 2133 އިބްރާހިމް އުމަރު މަނިކާއި ވީމީޑިއާގެ ސީއީއޯގެ މަގާމުގައި ހުންނެވި ދަފްތަރު ނަންބަރު 1903 އިބްރާހިމް ހަލީލާއި، ވީމީޑިއާގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިޓިކަލް އެފެއާޒު ޅ. ނައިފަރު ހަނދު، މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި، ވީމީޑިއާ ގްރޫޕުގައި ހާމަނޫހާއި ވީމީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީއާއި، ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަދި މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒުގެ އަނބިކަނބަލުން މ. ޕެޓީވިލާ އައިމިނަތު ޝާޔަން ޝާހިދާއި، ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލްގެ ނަމެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ބިލް ރައީސް ތަސްދީގު ކުރެއްވީ އިއްޔެއެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވާނިން ބޯޑް އެކުލަވާލައި އެ ބޯޑުގެ އިސް މަގާމުތަކަށާއި ޕަބްލިކް ސާވިސް މީޑިއާ ހިންގުމުގެ އެންމެ އިސް މަގާމުތަކަށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މީހުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށަންވާނެއެވެ.