29 Apr 2015, 11:00
ސްކޫލު ކުދިންގެ ހުނަރުވެރިކަން ދައްކައިދިނުމަށް އަރަބިއްޔާ ސްކޫލުގައި ކުރެހުމުގެ ހުނަރު ދައްކުވައިދޭ މައުރަޒެއް ފަށައިފި އެވެ.
މިއަދުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށްގެންދާ އެ މައުރަޒުގައި އަރަބިއްޔާގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ބައިވެރިވެ ކުރެހުންތައް ހުށަހަޅާފައި ވެއެވެ.
އަރަބިއްޔާ ސްކޫލުގައި މިއަދު ފެށި މައުރަޒުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ޒިޔާދު ވިދާޅުވީ، އެކި ކުދިންގެ ހުންނަނީ އެކި ހުނަރުތައްކަމުން އެ ހުނަރުތައް ދެނެގަތުމަށް ބޭއްވި އެ މައުރަޒުގައި ގިނަ އަދަދަކަށް ކުދިން ބައިވެރިވެފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގައި ކުރިއަށްދާ އެ މައުރަޒުގައި ކުރެހުމުގެ މައުލޫތައް ބަހާލާފައިވަނީ އެކި ކްލާސްތަކަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ތިމާވެއްޓާއި ސިއްހަތު ފަދަ މައުލޫ ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލުގައި މިއަދު ފެށި ކުރެހުމުގެ މައުރަޒުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
ޒިޔާދު ވިދާޅުވީ، އެ މައުރަޒަކީ ސްކޫލު ކުދިންގެ ހުނަރުތައް ދައްކުވައިދީ އެކަންތައް ދެނެގަތުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޕްރޮގްރާމް ކަމަށެވެ.
އެފަދަ މައުރަޒެއް ބޭއްވުމުގެ ބޭނުމަކީ ކިޔެވުން ފިޔަވައި އެހެން ކަންތައްތަކަށް މޮޅު ކުދިންތައް ދެނެގަނެ އެކުުދިންގެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުން ކަމަށްވެސް އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޒިޔާދު ވިދާޅުވިއެވެ.