29 Apr 2015, 11:02
މިދުވަސްވަރު މާލޭގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި މުޒާހަރާތަކާއި އަދި ވަކި ތާރީޚެއް ކަނޑައަޅައިގެން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ރާވަން ތައްޔާރުވުމުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބައިވެރިވުން އޮތް ކަމަށް ބުނެ، އެމްޑީޕީ އާއި އަދާލަތު ޕާޓީން ފަތުރަމުންދާ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފި އެވެ.
ޕީއެމްއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީ އާއި އެ ޕާޓީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ސަރުކާރާ އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު ނުތަނަވަސްކަން އުޅޭ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަނީ އެ ޕާޓީގެ މެންބަރުންގެ މެދުގައި ފިތުނަ އުފެއްދުމުގެ މަގްސަދުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނީ އަދާލާތު ޕާޓީގެ ރައީސްގެ ގާތު އެ ޕާޓީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެގެން ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ ފަރާތުން އެ ޕާޓީ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއްކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ، އަލީ ވަހީދާއި އިމްރާން އަބްދުﷲގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.