ރިޔާޒް (އެޕްރީލް 29): ސައޫދީ އަރަބިޔާގެ ވެރިކަމުގެ އެންމެ އިސް މަގާމުތަކަށް އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.

މިބަދަލުތަކުގެ ތެރޭގައި ވަލީއުލްއަހްދުގެ މަގާމުގައި ހުންނެވި މުގްރިން ބިން އަބްދުލްއަޒީޒް މަގާމުން ދުރުކުރައްވައި އެގަމާމަށް ވަލީއުލްއަހްދުގެ ނައިބުގެ މަގާމުގައި ހުންނެވި މުޙައްމަދު ބިން ނާއިފް ހަމަޖެއްސެވުމާއި ވަލީއުލްއަހްދުގެ ނައިބުގެ މަގާމަށް ސަލްމާން ރަސްގެފާނުގެ ދަރިކަލުން، އުމުރުފުޅުން 30 އަހަރުގެ މުހައްމަދު ބިން ސަލްމާން ހަމަޖެއްސެވުން ހިމެނެއެވެ.

ސަލްމާން ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އަކީ ސައޫދީ އަރަބިޔާގެ ދިފާޢީ ވަޒީރުވެސް މެއެވެ.

މީގެއިތުރުން ސައޫދީ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި 40 އަހަރު ދުވަހުގެ ދިގުމުއްދަތެއް ހޭދަކުރައްވާފައިވާ ސައޫދުލްފައިސަލް ވެސް އެމަގާމުން ދުރުކުރައްވައި ސައޫދީ ޚާރިޖީ ވަޒީރުކަމުގެ މަގާމަށް، އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު އާދިލް އަލްޖުބައިރު އިސްކުރެއްވުންވެސް ހިނެނެއެވެ. މީގެ އިތުރުންވެސް ސައޫދީ ސަރުކާރުގެ ކެބިނެޓަށްވެސް ސަލްމާން ރަސްގެފާނު ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.

ސައޫދީ ވަލީއުލްއަހްދުގެ މަގާމުގައި ހުންނެވި މުގްރިން ބިން އަބްދުލްއަޒީޒް އަކީ ސަލްމާން ރަސްގެފާނާ އެއްބަފާ އަދި ވަކިބަނޑު ބޭފުޅެކެވެ. އަލަށް އެމަގާމަށް އައްޔަން ކުރެއްވި މުޙައްމަދު ބިން ނާއިފް އަކީ ސަލްމާން ރަސްގެފާނާ އެއްބަނޑު އެއްބަފާ ބޭބޭފުޅު ކަމަށްވާ ކުރީގެ ވަލީއުލްއަހްދު ނާއިފް ބިން އަބްދުލްއަޒީޒްގެ ދަރިކަލެކެވެ. ނާއިފް ވަނީ 2014 ވަނަ އަހަރު އަވަހާރަވެފައެވެ.

ސަލްމާން ރަސްގެފާނު ރަސްކަމުގެ އިސްމަގާމުތަކަށް މިގެންނެވި ބަދަލުތަކާއެކު ސަލްމާން އަށްފަހު ދެން ސައޫދީ ރަސްކަން ފުރޮޅިގެންދާނީ ސައޫދީ ބިޔަ ޝާހީ އާއިލާގައި ހިމެނޭ އައްސިދްރީ އާއިލާއަށެވެ. އައްސިދްރީ އާއިލާއަކީ ސައޫދީ ރަސްކަމުގެ މުއައްސިސް ކިންގު އަބްދުލްއަޒީޒް އާލްސައޫދުގެ އަނބިއަނބި ކަނބަލުންގެ ތެރެއިން ހިއްސާ ބިންތި އަހްމަދުއްސިދްރީ ގެ ބަނޑުފުޅުން ލިބިވަޑައިގެންފައިވާ ބޭފުޅުންގެ އާއިލާއެވެ. އައްސިދްރީ އާއިލާއަކީ ސައޫދީ ޝާހީ އާއިލާގައި އެއްބަނޑުއެއްބަފާ ފިރިހެން ބޭފުޅުން އެންމެ ގިނަ އާއިލާއެވެ. މިއަހަރުގެ ކުރީކޮޅު އަވަހާރަވި ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އާއި ވަލީއުލްއަހްދު ކަމުގެ މަގާމުން މިއަދު ދުރުކުރެއްވި މުގްރިން ބިން އަބްދުލްއަޒީޒް އަކީ އައްސިދްރީ އާއިލާއަށް ނިސްބަތްވާ ބޭފުޅުންނެއް ނޫނެވެ.

ސަލްމާން ރަސްގެފާނަށްފަހު ރަސްކަން ލިބިވަޑައިގަންނަވާ މިހާރުގެ ވަލީއުލްއަހްދު މުޙައްމަދު ބިން ނާއިފް އަކީ ސައޫދީ ރަސްކަމުގެ މުއައްސިސް ކިންގު އަބްދުލްއަޒީޒް އާލްސައޫދުގެ ކާފަ ދަރިކަލެކެވެ. އޭނާއަށް ރަސްކަން ލިބިވަޑައިގަތުމަކީ ސައޫދީ ރަސްކަން ކިންގު އަބްދުލްއަޒީޒްގެ ކާފަދަރިންނަށް ނަގުލުވުމެވެ. މިއީ ކިންގު އަބްދުލްއަޒީޒް އާއިލާގެ ތިންވަނަ ޖީލެވެ. (ސައޫދީ މީޑިޔާ)