ތަފާތު އެކި ކުޅިވަރުތަކުގައި ޢުމުރުން ހަގު ކުދިން، ތަފާތު ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުންދާ ވާހަކައަކީ އަޅުގަނޑުމެންނަށް އިވި ފެނިދެނިވާ ކަމެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު ފުޓްބޯޅައަށް ބެލިކަމުގައިވިޔަސް ކަން އޮތީ މިހެންނެވެ.

ރާއްޖޭގައިވެސް އެކި ކުޅިވަރުތަކުން ވަރަށް ޅައުމުރުގެ ކުދީން، އެކުދީން ތަމްސީލު ކުރަމުންދާ ކުޅިވަރުތަކުން ހުނަރުވެރި މޮޅު ކުޅުމެއް ދަނީ ދައްކަމުނެވެ.

ކުޅިވަރުގެ އެއް ބައި ކަމުގައިވާ ކުޅުންތެރިން އުފެދޭ ފަދައިން ރެފްރީން ނުވަތަ ކުޅިވަރުގެ އިންސާފު ކުރާ ފަރާތްތައް ޅައުމުރުގައި އުފެދި ތަމްރީނުވާން ޖެހޭ ވާހަކަ ކުޅިވަރުގެ އިސްފަރާތްތަކުން އެއްވެސް ސިފައެއްގައި ދައްކާތަނެއް ނުފެނެއެވެ. މިދެންނެވީ މިފަދަ ބައެއް ފަރާތްތައް ނެތް ވާހަކައެއް ނޫނެވެ. މިފަދަ އެއްފަރަތަކަށް ނުވަތަ އެއް އެސޯސިއޭޝަނަކަށް ވާނީ ދިވެހިރާއްޖޭގެ ކެރަމް އެސޯސިއޭޝަނެވެ. އެގޮތުން އެ އެސޯސިއޭޝަނުން މިހާރު ކުރިއަށްގެންދާ ކެރަމް ޗެމްޕިއަންޝިޕްގައި ޒުވާން އަމްޔަރުންދަނީ މެޗުތަކަށް އިންސާފުކުރަމުންނެވެ.

މިއީ ރާއްޖޭގެ އެހެން ކުޅިވަރުންތަކުން ފެންނަ ކަމެއް ނޫނެވެ. މިމަހު 23 ވަނަ ދުވަހުގެ ރޭ ފެށި ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކަވަރު ކުރުމަށް ދިޔަ ސަންގެ ނޫސްވެރިންނަށް ފާހަގަ ކުރެވުނު އެންމެ މުހިންމު މަންޒަރަކަށްވީ މުބާރާތުގެ މެޗްތަކަށް އިންސާފު ކުރުމަށް ޒުވާން އަމްޕަޔަރުން ތިބުމެވެ.

ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޢުމުރުން ހަގު އަމްޕަޔަރަކު އިންސާފު ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެރަމް އެސޯސިއޭޝަންގެ އޮފިޝަލެއް ވިދާޅުވީ ޒުވާން އަމްޕަޔަރުންގެ އުމުރަކީ ގާތްގަނޑަކަށް 18 އަހަރު ކަމަށެވެ. މިއީ ޤައުމީ ފެންވަރުގެ ކުޅިވަރު މުބާރާތެއްގައި މެޗްތަކަށް އިންސާފު ކުރުމަށް މިހާތަނަށް ނިކުތް އެންމެ ޒުވާން އަމްޕަޔަރުންނެވެ.

އެ އަމްޕަޔަރުންނަކީ ކެރަމްގެ އެކި މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުޅުންތެރިންނެވެ.

މި އަމްޕަޔަރުން ތަމްރީންކޮށްފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ހަތަރު ވަނަ ކެރަމް ވޯލްޑްކަޕަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން ތައްޔާރުވަމުން ދިޔައިރުއެވެ. އެގޮތުން ބައެއް އަމްޕަޔަރުން ވަނީ ވޯލްޑްކަޕް ބައެއް މެޗުތަކުގައިވެސް އަމްޕަޔަރުކަން ކޮށްފައިކަމަށް ސަންއަށް މަޢުލޫމާތު ދެއްވަމުން ކެރަމް އެސޯސިއޭޝަންގެ ނައިބުރައީސް ޢަލީ މާހިރު ވިދާޅުވިއެވެ.

ވޯލްޑްކަޕަށް އަމްޕަޔަރުން ތައްޔާރު ކުރުމުގައި ބައިނަލްއަޤުވާމީ އަމްޕަޔަރެއްގެގޮތުން ޙަރަކާތްތެރިވެ ވަޑައިގެންނެވި މާހިރު ވިދާޅުވީ ވޯލްޑްކަޕަށް ރާއްޖެއިން ތައްޔާރު ވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އޭނާގެ ބެލުމުގެ ދަށުން އިތުރު އަމްޕަޔަރުން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ކެރަމް ވޯލްޑްކަޕް ކައިރިވެގެންއައިތާ ކައިރީގައި އަޅުގަނޑުމެން ބޭނުންވީ އަމްޕަޔަރުން އަލުން ތަމްރީންކޮށްފައި ވޯލްޑްކަޕަށް ނެރެން. އަޅުގަނޑުމެން ތައްޔާރުވަމުން އައިއިރު އަޅުގަނޑުމެންނަށް ލިބުނު ޝްރީލަންކާއިން ދިހަ އަމްޕަޔަރުން އަންނާނެކަމުގެ ޔަޤީންކަން. އެހެން ވިޔަސް ވޯލްޑް ކަޕެއްގައި ވީމާ އެ ޢަދަދަކުންނެއް ނުހިފެހެއްޓޭނެ. އެހެންވެ އަޅުގަނޑުމެން ގޮވާލީމާ ކެރަމްއަށް ލޯބި ކުރާ ވަރަށް ގިނަ ކުދިންތަކެއް އައި. ޚާއްސަގޮތެއްގައި ޒުވާން ކުޅުންތެރިންތަކެއް އައީތީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ. ހާއްސަކޮށް ރާއްޖޭގައި ބޭއްވޭ ވޯލްޑް ކަޕް މުބާރާތެއް ވީމާ އެ ޝަރަފް ހޯދަން ބޭނުވާ ކުދިންވެސް ތިބި،" މާހިރު ވިދާޅުވިއެވެ.

މާހިރު ވިދާޅުވީ، ވޯލްޑްކަޕްގައި އިންސާފުކުރުމަށް ލަންކާއިން އައި ސީނިއާ، އުމުރުން ދޮށީ އަމްޕަޔަރުންނަށްވުރެ ދިވެހި ޒުވާން އަމްޕަޔަރުން (ކުޅަދާނަކަން) އުޅުނީ އަތައް ދަރަޖައެއް ކުރީގައިކަން ޔަޤީންކޮށް ދަންނަވަން ކެރޭ ކަމަކަށެވެ.

"އަޅުގަނޑުމެންގެ އަމްޕަޔަރެއްގެ ފަރާތުން ކުށެއް ނުވަތަ އޮންނަ ޤަވާއިދުން ބޭރުން ބައި މިސްޓޭކްގައި ގޮސްދާނެތީ. އެއީ އަޅުގަނޑުމެން އަލަށް ބާއްވާ މިފަދަ ބޮޑު މުބާރާތެއްގައި ޒުވާން އަމްޕަޔަރުން ކުރިއަށް ނެރޭއިރު އެމީހުން ކުރިމަތީ މިތިބީ އެކްސްޕީރިއަންސް ހުރި މޮޅެތި ކުޅުންތެރިން ކޮންމެ ކަހަލަ މޮޅު ގޮތެއް ހަދާލާފަ ޓެކްޓިކަލީ ބޭނުން ކޮށްލެވިދާނެ ކަންތައްތައް އެބަހުރޭ މިސާލަކަށް އިދިކޮޅު ކުޅުންތެރިޔާ ކޮންމެވެސް ގޮތަކުން. މިސާލަކަށް ލޮލުން ނަމަވަސް ބޮލުގެ އިޝާރަތަކުން ކަމެއް ކޮށްލުން ކަހަލަ ކަމެއް ފާހަގަކޮށްލާވަރުގެ ކުޅަދާނަކަން މިޒުވާން އަމްޕަޔަރުންގެ ކިބައި ހުރި،" ވޯލްޑް ކަޕްގައި އަމްޕަޔަރުންގެ ކަންކަން އޭނާގެ ބޭލުމުގެ ދަށުން ބެލެހެއްޓި މާހިރު ވިދާޅުވިއެވެ.

ކެރަމް އޮސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޒުވާން އަމްޕަޔަރަކު އިންސާފު ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިވަގުތު ރާއްޖޭގައި އިންޓަނޭޝަނަލް ފަސް އަމްޕަޔަރުން ތިބިއިރު ކެރަމް އެސޯސިއޭޝަންގެ މިހާރުގެ އަމާޒަކީ އިންޓަނޭޝަނަލް އަމްޕަޔަރުން އިތުރު ކުރުމެވެ.

އެގޮތުން ކެރަމް އެސޯސިއޭޝަންގެ އާ ބޯޑުން ވަނީ އަމްޕަޔަރުން ތަމްރީން ކުރުމަށްޓަކައި ޕްރޮގްރާމްތަކެއް އެކުލަވާލާފައެވެ.

މާހިރު ވިދާޅުވީ ޤައުމީ ފެންވަރުގެ މުބާރާތްތަކަށް އަމްޕަޔަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއަށްފަހު އިންޓަނޭޝަނަލް ފެންވަރުގެ އަމްޕަޔަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމެއް އެކުލަވައިލާނެކަމަށެވެ.

މާހިރު ވިދާޅުވީ، އަމާޒަކީ 2016ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކެރަމް ޗެމްޕިއަން ޝިޕްގެ ކުރިން އޮންނަ އޭޝިއާ ކެރަމް ޗެމްޕިއަންޝިޕަށް ރާއްޖޭގެ އަމްޕަޔަރުންނަށް ފުރުސަތު ހޯދައި ދިނުންކަމަށެވެ.

މިހާރު ކުރިއަށްދާ ކެރަމް ޗެމްޕިއަންޝިޕްގައި އަމްޕަޔަރުކަން ކުރަމުންގެންދާ ޒުވާން އަމްޕަޔަރުންނަކީވެސް ވޯލްޑް ކަޕްގެ ކުރިން ތަމްރީންތައް ފުރިހަމަކޮށްފައިވާ ކުދިންނެވެ. އޭގެ ތެރޭގައި އަންހެން ކުދިންވެސް ހިމެނެއެވެ.

ކެރަމް އޮސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޒުވާން އަންހެން އަމްޕަޔަރަކު އިންސާފު ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާހިރު ވިދާޅުވީ ބައެއް ކުޅުންތެރިންވެސް އަމްޕަޔަރުކަން ކުރުމަށް އެދި އަންނަ ކަމަށާއި ބޭނުމަކީ މޮޅު ދެ ކުޅުންތެރިޔަކު ކުޅޭއިރު އެކުޅުންތެރިން ގެންގުޅޭ ޓެކްޓިކްސް ދެނެގަތުންކަމަށެވެ. ނަމަވެސް ޕްރޮފެޝަނަލީ ކުޅުންތެރިޔެއްގެ ގޮތުގައި ހުންނަން ބޭނުންވާ ކުޅުންތެރިޔަކު އަމްޕަޔަރުކަން ކުރަން ބޭނުންނުވާކަމަށެވެ. އަދި ޕްރޮފެޝަނަލީ އަމްޕަޔަރަކަށް ވާން ބޭނުންވާ ކުއްޖަކުވެސް ޕްރޮފެޝަނަލީ ނުކުޅޭނެ ކަމަށެވެ.

ވޯލްޑްކަޕް ނިމުމުގެ ރަސްމިއްޔާތުގައި ކަންތައްވީ ގޮތާއި މެދު ޒުވާން އަމްޕަޔަރުން ވަރަށް ބޮޑަށް މާޔޫސްވެފައި ތިބިކަމަށާއި އެއީ އެފެންވަރުގެ ބޮޑު މުބާރާތެއްގައި ރާއްޖޭގެ އަމްޕަޔަރުން އިންސާފު ކުރިއިރު އަގުވަޒަންކުރާނެ ބަޔަކު ނެތުމުންކަމަށް ވެސް މާހިރު ވިދާޅުވިއެވެ.

ވޯލްޑްކަޕް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ޒުވާން އަމްޕަޔަރުން ކުރި މަސައްކަތް އަގު ވަޒަން ކުރުމުގެ ގޮތުން ސެޓްފިކެޓެއްގެ މިންވަރުވެސް ނުދެއެވެ.

"އެހެންވެ އެސޯސިއޭޝަންގެ އިންތިޚާބަށްފަހު އަޅުގަނޑު އިންޓަވިއުގައި ދެންނެވިން އަމްޕަޔަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. ވޯލްޑްކަޕްގައި އިންސާފު ކުރި އަމްޕަޔަރުންނާ މެދު ކަންތައް ވެގެންދިޔަ ގޮތުން އެ އަމްޕަޔަރުން އަލުން އަނބުރައި އަންނާނެ ކަމުގެ ޔަޤީން ކަންވެސް ނެތޭ. ނަމަވެސް އެކުދިން ޤައުމަށްޓަކައި ކޮށްދޭ ކަމެއްވީމަ އަލުން އައީ،" ވޯލްޑްކަޕްގައި އިންސާފުކުރި ދިވެހި ޒުވާން އަމްޕަޔަރުންނާ މެދު ކަންތައްވީ ގޮތް ތަފްސީލުކޮށްދެވަމުން މާހިރު ވިދާޅުވިއެވެ.

ކެރަމް އޮސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޢުމުރުން ހަގު އަމްޕެޔަރަކު އިންސާފު ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، މިހާރު އަމްޕަޔަރުންގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އިންސާފުކުރާ ކޮންމެ މެޗަކަށް އެލެވެންސެއް ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މުބާރާތްތަކަށް ލިބޭ ސްޕޮންސާޝިޕްތަކުގެ މައްޗަށް ބިނާކޮށް މެޗަކަށް 50 ރުފިޔާއަށްވުރެ ބޮޑު ނުވާ ވަރުގެ އެލެވެންސެއް ދެމުންދާކަމަށެވެ.

މާހިރުގެ އަމާޒަކީ ކެރަމްގައި ކުރިން ރާއްޖެ އޮތް ހިސާބަށް ގެންދިއުމެވެ. އެގޮތުން އިންޑިއާއާ ވާދަކުރެވޭ ވަރުގެ ކުޅުންތެރިންތަކެއް އުފެއްދުން އެއީ ކެރަމް އެސޯސިއޭޝަންގެ މިހާރުގެ ބޯޑުގެ ވަރަށް ބޮޑު އަމާޒެކެވެ.

ރާއްޖެއަކީ ކެރަމް ރޭކިންގައި މިހާރުވެސް ގަދަ 10 ގައި ހިމެނޭ ޤައުމެކެވެ.

ކުޅިވަރުންތަކުން ޅަ ޒުވާން ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރަންޖެހޭ ފަދައިން ޒުވާން ޅަ ޢުމުރު ފުރައިގެ އަމްޕަޔަރުން އުފެއްދުމަށް ވިސްނަންޖެހެއެވެ. މިކަމުގައި ކެރަމް އެސޯސިއޭޝަނުން ދައްކަމުދާ ނަމޫނާގައި ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަނުންވެސް ހިފަންޖެހެއެވެ. އަދި ޅަ ޢުމުރުފުރައިން ފެށިގެން ރެފްރީންނާ އަމްޕަޔަރުން ތަމްރީން ކުރަން ފެށުމުން، ކުރިމަގުގައި ރާއްޖޭގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ފާހަގަ ކުރެވޭ މޮޅެތި ރެފްރީންނާއި އަމްޕަޔަރުން ބޮޑެތި މުބާރާތްތަކުގައި ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.