29 Apr 2015, 09:04
ށ. މިލަންދޫން ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު އެރަށު ބަނދަރު ސަރަހައްދު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
މޫދުގައި މަރުވެފައި އޮއްވައި ރޭ ދަންވަރު ފެނިފައިވަނީ މިލަންދޫ، ސީސަންގޭ، މުޙައްމަދު ހަސަން، 80، އެވެ.
އެރަށު ކައުންސިލަށް އަދި ގުޅޭގޮތްނުވާތީ އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތްނުވެފައެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އޭނާ މޫދުގައި މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށުން މީހަކު ގެއްލިގެން ފުލުހުންނަށް ރޭ 11:20 ހާއިރު ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް، ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން ދަނިކޮށް، ރޭ 12:20 ހާއިރު ކަމަށެވެ.
އެމީހާ މަރުވެފައި އޮއްވައި ފެނުނުއިރު ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
"މޫދަށް ވެއްޓިފައި ވަނިކޮށް ފެނުނު މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އެމީހާ ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނާގޮތުގައި އެމީހާ ދިރިހުއްޓައި އެންމެފަހުން ފެނިފައިވަނީ އެރަށު ބަނދަރު ސަރަހައްދުން އިއްޔެ އިރު އޮއްސުނު ވަގުތުއެވެ.