29 Apr 2015, 09:12
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުގައި ދިރިއުޅެމުންދިޔަ ދިވެހިން ރޭ ދެ ފްލައިޓަކުން މާލެ ގެނެސްފި އެވެ.
ނޭޕާލުގައި ތިބި ދިވެހިންގެ ތެރެއިން ކޮލަމްބޯ މަގުން ފުރަތަމަ ފްލައިޓުގައި 14 ދިވެހިން ރޭ 1:30 ގައި އައިސްފައިވާއިރު، 3:30 ގައި ބަނގުލަދޭޝް މަގުން އައި ދެވަނަ ފްލައިޓުގައި އައިސްފައިވަނީ 77 މީހުންނެވެ.
ނޭޕާލުން އައި ދިވެހިންނަށް މަރުހަބާ ކިއުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، އެ މިނިސްޓްރީގެ އިސްވެރިން ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.
އެއާޕޯޓުގައި ހުންނަވާ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ ނޭޕާލުގައި ތިބި ދިވެހިން އަވަހަށް މާލެ ގެނައުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެކަމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރު ދުންޔާ ވިދާޅުވީ ދިވެހި ސަރުކާރު އޮތީ ނޭޕާލާއި އެކުގައި ކަމަށާއި، ދިވެހިންނަށް ވެވެން އޮތް މިންވަރަކުން ނޭޕާލަށް އެހީތެރިވަމުން ދާނެ ކަމަށެވެ.
ނޭޕާލުން އައި ދިވެހި ކުދިން ބުނީ ނޭޕާލަށް މިހާރު އެންމެ ބޭނުންވަނީ ސިއްހީ ފަރުވާދޭނެ ފެންވަރު ހުރި ތަކެތި ކަމަށާއި، ފަރުވާ ދޭނެ މީހުންނެތިގެން މީހުން މަރުނުވާ ކަމަށެވެ. ނަމަވެސް ބޭހާއި، އެހެނިހެންވެސް ފަރުވާއަށް ބޭނުންވާނެ ފެންވަރުގެ ތަކެތި ނެތްކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ނޭޕާލުން އައި ދިވެހި ކުދިނާއި ކުދިންގެ އާއިލާތަކުން ވަނީ މިނިސްޓަރު ދުންޔާ އަށާއި މިނިސްޓްރީގެ އިސްވެރިން ކޮށްދެއްވި ބުަރަ މަސައްކަތަށް ޝުކުރު ދަންނަވާފަ އެވެ.