29 Apr 2015, 09:30
ބާރުގަދަ ބިންހެލުމެއްގެ މަންޒަރު ލޮލަށް ފެނުމުން އެކުރި އަސަރާއި، އެ ހިތްދަތިކަން ނޭޕާލުގައި ތިބި ދިވެހިކުދިން ތަހައްމަލުކޮށްފި އެވެ. އަސަރުގައި ބިންހެލުމުގެ ވާހަކަ ކިޔައިދިން އިރު ލޯ ކުރިމަށްޗަށް އެމަންޒަރު ސިފަވެގެން ދިޔަ ކަހަލައެވެ. އިމާރާތްތަށް ހެލިލިގޮތާއި، ކައިރީ ހުރި ގޮނޑި މޭޒު އަދި އެހެންވެސް ތަކެޗަށް އައި ގުޑުންތަކާއި އިމާރާތްތަށް ބިމާ ހަމަވެގެން ދިޔަ މަންޒަރު އެކުދީން ކިޔައިދިން އިރު ތިބީ ފެންކަޅިވެފައެވެ.
"އަޅުގަނޑަށް މިހެން ހުރި އިރު ފެނެއެއް ނޫންތޯ ކަރުދާސްކޮޅެއް ވަޔާ ހެލޭތަން. އެއޮއްްބޮޑު ބިލްޑިންގު އަޅުގަނޑުމެންނަށް ފެނުނީ އެގޮތަށް ހެލޭތަން، އެ ބިރުވެރިކަން އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް އެބަހުރި. އަޅުގަނޑުމެން ގިނަ ކުދިން އަދިވެސް އެކަނި ގެއަށް ވަންނަން ބިރު ގަނޭ،" ނޭޕާލުގައި އެނެސްތޭސިއާގެ ރޮނގުން މަތީތައުލީމު ހާސިލްކުރަމުން އަންނަ ޑރ. ދުސޫމާ އެ ބިރުވެރި ހާދިސާ ކިޔައިދިނެވެ.
އެޕްރީލް، 28، 2015: ނޭޕާލަށް އައި ބާރު ގަދަ ބިންހެލުމުގެ ތެރެއިން ---
މިދިޔަ ހޮނިހިރު ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް އައި ބާރު ގަދަ ބިންހެލުން އިހުސާސް ކުރި ދިވެހިނަށް ވަނީ އިމާރާތްތަށް ބިމާ ހަމަވި މަންޒަރުވެސް ފެނިފައެވެ. އަދި ފާރުތަކުގެ ދަށުވެ މީހުން މަރުވާ މަންޒަރާއި، ލެޔާއި އެކު ގިނަ މީހުން ޒަހަމްވެފައި ވާ މަންޒަރުވެސް ފެނިފައިވާ ކަމަށް އެމީހުން ބުނެ އެވެ. އެގޮތުން ބިންހެލުން އައިސް އިމާރާތްތަށް ބިމާ ހަމަވި މަންޒަރު ސިފަކޮށްދެމުން ނޭޕާލުގައި އެނެސްތީސިއާ އިން މަތީ ތައުލީމު ހާސިލްކުރާ ޑޮކްޓަރެއް ކަމަށްވާ އިސްމާއިލް ލަތީފު ބުނީ ކޮލެޖްގެ އިމާރާތުން ނިކުމެވުނު ވަގުތު" ފަހަތުން ފާރެއް ބިމާ ހަމަވީ" ކަމަށާއި، އިރުކޮޅެއް ފަހުން ފެނުނީ "މީހެއްގެ ފައި ފާރުތަކުގެ ދަށުވެ ރޯން ފެށި މަންޒަރު" ކަމަށެވެ.
އެޕްރީލް، 28، 2015: ނޭޕާލަށް އައި ބާރު ގަދަ ބިންހެލުމުގެ ތެރެއިން ---
ނޭޕާލުގައި ޑޮކްޓަރު ކަމުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރަމުން ދިޔަ ގިނަ ފަރާތްތަކުން ވަނީ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އަމަލީ ގޮތުން އެހީތެރިވެދީ، އެވަގުތަކު ދެވެން ހުރި ފަރުވާއެއް ދިނުމުގައި ހަރަކާތްތެރިވެފަ އެވެ. އެ ހިތާމަވެރި ބިރުވެރި އަދި ހިތްދަތިި ދަނޑިވަޅުގައިވެސް އެފަރާތްތަކުން ވަނީ ހިތްވަރާއި އެކު ހިދުމަތް ދިނުމުގައި ތައުރީފު ހައްގު މިންވަރަށް ހަރަކާތްތެރިވެފަ އެވެ. އަދި ބަލިމީހުންނަށް ފަރުވާދިން ގޮތް އެފަރާތްތަކުން ވަނީ ކިޔައިދީފަ އެވެ.
" ކުޑަކުދިންގެ ސާޖިކަލް އައިސީޔޫގައި. އެތަނުގައި ތިބި ކުދިން. އެވަގުތު ބިންހެލުން އައިގަޑީގައި އެތަނުގައި ހުރި އޮކްސިޖަން ފުޅިތަށް ފުރަތަމަ ބަންޑުންވި. ދެން އޮކްސިޖަން ލޫސްވެގެން ބަންދެއް ނުކުރެވުނު. ދެން އަޅުގަނޑުމެނަށް ޖެހުނީ އޮކްސިޖަން ކަނޑާލަން. ބައެއް ކުދިންނަށް އޮކްސިޖަން ނުލިބި މަރުވާންވެސް މެދުވެރިވ،" މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސް ޑރ ދުސޫމާ ބުންޏެވެ.
އެޕްރީލް، 28، 2015: ނޭޕާލަށް އައި ބާރު ގަދަ ބިންހެލުމުގެ ތެރެއިން ---
ކަތަމަންޑޫއަށް ރިކްޓާ މިންގަނޑުން 7.9 މެގްނެޑިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގައި ނޭޕާލުގެ އެކި ސަރަހައްދުތަކަށް ވަނީ އަސަރުކޮށްފަ އެވެ. އެގޮތުން ނޭޕާލުގެ ބިރާތު ނަގަރުގައި އެމްބީބީއެސް ކިޔަވަމުން ދިޔަ މުހައްމަދު މުޝައިދު ރޭގެ ފުރަތަމަ ފްލައިޓުން މާލެ އައުމަށް ފަހު 'ސަން' އަށް ވަނީ ބިންހެލުމުގައި އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. މުޝައިދު ބުނީ އޭނާ ދިރުއުޅުނު ހޮސްޓެލްގެ ތިންވަނަ ފަންގިފިލާގައި ހުއްޓައި " އިމާރާތް ވަރަށް ބޮޑަށް ތެޅެން ފެށި" ކަމަށާއި، "ކޮޅަށްވެސް ހުންނަން އުނދާގޫވި" ކަމަށެވެ.
" އެހާ ބާރަށް އިމާރާތް ތެޅެންފެށީމައި، ލެޕާއި ހުރިހާ އެއްޗެއް ދޫކޮށްލާފައި ވަގުތުން ތިރިއަށް ފޭބީ" މުޝައިދު ބުންޏެވެ.

މުޝައިދު އޭނާގެ މަންމަ އާއި އެކު އެއާޕޯޓު ވީ އައިޕީގައި --
އޭނާ ބުނީ ކިޔެވުން ދޫކޮށްލާފައި އަންނަން ޖެހުމުން ވަރަށް ދެރަވާކަމަށާއި، ކިޔަވާ ކޮލެޖުން ދިނީވެސް 10 ދުވަހުގެ ޗުއްޓީއެއް ކަމަށެވެ. އަދި ނޭޕާލުން ރައްކާތެރިކަމަށް އަންގާހާ އަވަހަކަށް އެނބުރި އެކޮޅަށް ދާނެ ކަމަށް މުޝައިދު ވަނީ ބުނެފަ އެވެ. ބިންހެލުމުގެ އަސަރު ބިރާތު ނަގަރަށް ކޮންމެސް ވަރަކަށް ކުރި ނަމަވެސް މާ ބޮޑު ގެއްލުންތަކެއް ވެފަ އެއް ނުވެ އެވެ. އެހެންނަމަވެސް ކަތަމަންޑޫގެ ފާރުތަކާއި ގިނަ އިމާރާތްތަށްވެސް ބިމާއި ހަމަވެފައިވާ ކަން ރޭ ކަތަމަންޑޫއިން މާލެއައި ދިވެހިން ވަނީ ފާހަގަކޮށްފަ އެވެ.
" މުޅި ކަތަމަންޑޫގައިހެން އެކި ހިސާބު ހިސާބުގައި ފާރުތަށް ވެއްޓިފައި ހުރީ، އަޅުގަނޑުމެން ގެއަށްދިޔަ އިރު ގޭގެ މެއިން ފާރު ވެއްޓިފައި، ގެވެސް ހުރީ ރެނދު ލާފައި، ގިނަކުދިންގެ ގޭގެ ހުރީ ހަލާކުވެފައި، އަޅުގަނޑުމެން ޖެހޭނީ އަލުން އުޅޭނެ އެހެން ގެއެއް ހޯދަން" ޑރ ދުސޫމާ ބުންޏެވެ.
އެޕްރީލް، 28، 2015: ނޭޕާލަށް އައި ބާރު ގަދަ ބިންހެލުމުގެ ތެރެއިން ---
ބިންހެލުމުގައި 4000 ވުރެ ގިނަ މީހުން މަރުވެފައިވާ ކަން ވަނީ ރިޕޯޓުކޮށްފަ އެވެ. މީހުން މަރުވުމުގެ އިތުރުން ބިންހެލުމުގެ އަސަރު ކުރި އިރު ނޭޕާލުގައި ދިރި އުޅުނު ކޮންމެ މީހަކަށްވެސް ބޮޑެތި ނަފްސާނީ ގެއްލުންތަކެއް ވެފައިވާ ކަން ނޭޕާލުން އައި ދިވެހި ކުދިންގެ ވާހަކަތަކުން އެނގެ އެވެ.
"ސްޓިލްކޮށް ތިބޭ އިރަށް އަބަދުވެސް ހީވޭ ގުޑިލަ ގުޑިލަ ހުންނަހެން."
"ފްލައިޓްގައި އައި އިރުވެސް، ފްލައިޓް ކުޑަކޮށް ތެޅިލިއަސް ކުދިން ސިހޭ، ބުނަނީ އެއަންނަނީ އޭ ހެލުން އަނެއްކާވެސް."
ނޭޕާލުގައި ތިބި ދިވެހި ކުދިން އައުމުން އެއާޕޯޓަށް އެކުދިންނަށް މަރުހަބާ ކިއުމަށް ދިޔަ އާއިލާގެ ފަރާތްތަކާއި ރަހުމަތްތެރިންގެ މޫނު މަތިން ވަނީ އުފާވެރިކަން ފެނިފަ އެވެ. ލޮލުން ވަނީ އުފާވެރިކަމުގެ ކަރުނަ ފާއްދާލާފަ އެވެ. ސަލާމަތުން އެމީހުންނާއި ހަމައަށް ދަރިފުޅު އައުމުން އުފާކުރަމޭ ބުނަމުންނެވެ.