މި ސަރުކާރަކީ ހުރިހާ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދީ ހަވާ އަރުވައި ޕްރޮޖެކްޓައް ނިންމާ ސަރުކާރެއް ކަމަށް ޕީޕީއެމްގެ ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި 'އިސްމެހެލަ ހެރާ' ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފަތުުރުވެރިކަމާ ބެހޭ ވަޒީރު އަދީބު ވިދާޅުވީ މި ސަރުކާރަކީ އިސްލާމްދީނާއި ގާނޫނާއި ގަވައިދުގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ވެސް އުފާވެރިކަން ހޯދައިދޭނެ ސަރުކާރެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އިސްލާމްދީނާއި ގާނޫނާއި ގަވައިދުގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ވެސް އުފާވެރިކަން ހޯދާދީ އަދި އުފަލުގައި އެންމެން ވެސް ބައިވެރިކޮށް ހަވާ އަރުވާ އަދި ޕްރޮޖެކްޓްތައް ނިންމާ އަދި އެ ޕްރޮޖެކްޓްތައް ހަވާލުކުރާ، އިގްތިސާދީގޮތުން މަންފާވެ، ޖީބުތައް ބަރުވެ އުފާވެރިކަން" ގެނެސްދޭ ޕާޓީއެއް ކަަމަށެވެ.

އިދިކޮޅު ފަރާތްތައް ވަރަށް 'ޑިޕްރެސިވް' ނުވަތަ ކަންބޮޑުވެފައިވާ ބައެއް ގޮތަށް ސިފަ ކުރައްވައި އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ ސިއްރުން އުފާ ހޯދުމަށްފަހު އެ އުފާތަކުގައި ރައްޔިތުން ބައިވެރި ކުރާ ބައެއް ނޫން ކަމަށެވެ.

"ދެން މި ފެންނަނީ ވަރަށް ޑިޕްރެސިވްކޮށް ތާއަބަދު މަގުމައްޗަށް ނުކުމެ، މިގައުމު ހަމަ ނޭވާ ލިޔަ ނުދީ އެއްމެން ޑިޕްރެސްކޮށްގެން، މުޅި ގައުމު ޑިޕްރެސްކޮށްގެން، އެހެންނަމަވެސް މި ބޭފުޅުންނަކީ އެއްވެސް ކަހަލަ ދުނިޔެވީ ކަމެއްގަ ނޫޅޭ ބަޔެކޭ ބުނެ ސިއްރުން އުފާ ހޯދާ އެހެންނަމަވެސް އެ އުފާާތަކުގައި އެއްވެސް ދިވެހި ރައްޔިތެއް ބައިވެރިކުރަން ބޭނުންވާބައެއް ނޫން" އަދީބު ވިދާޅުވި އެވެ.

"ކަންނެލި އޮޑިތަކާއި އެހެންނަމަވެސް ފައިދާ ހޯދާ އެ ހުރިހާ އެއްޗެއް ސިއްރުކޮށް އަބަދުވެސް ރައްޔިތުންނާއި އިއްޒަތްތެރި ބޭފުޅުންނާއި ދިމާލަށް ހަޑި ބަސްތައް ރައްދުކޮށް ދީނުގެ ނަމުގައި ފަސާދަ ގެނުވަން އުޅޭތީ އަޅުގަނޑު ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށް"

ގުރުއާނާއި ހަދީސުން އެނގޭގޮތުގައި ގިޔާމަތް ކައިރިވުމުން މުނާފިގު އިލްމުވެރިން ފާޅުވާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެއީ ވަކި ބޭފުޅަކަށް ރައްދުކުރާ ވާހަކައެއް ނޫން ކަމަށާއި އެމަނިކުފާނަކީ ދީނީ އިލްމުވެރިއެއް ނޫން ކަަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އިސްމެހެލަ ހެރާ ޕްރޮޖެކްޓާއި ބެހޭ ގޮތުން އަދީބު ވިދާޅުވީ މި ޕްރޮޖެކްޓްގައި މަސައްކަތްކޮށްފަ ގެއަށްދެވޭނެ ކަަމަށާއި އައްޑު އަތޮޅަކީ އެފަދަ ނަސީބެއް ލިބިފައިވާ އަތޮޅެއް ކަަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ސަރުކާރުގެ ދެ ވައުދެއް ފުދޭނެ ކަމަށް އަދީބު ވިދާޅުވިއެވެ.

"އެއީ ވަޒީފާ އުފެއްދުމާއި ފަތުރުވެރިކަން އިތުރުކުރުމާއި އަދި ހަމައެހެންމެ އަންހެނުން ބާރުވެރިކުރުމުގެ މަގުސަދު ވެސް މި ޕްރޮޖެކްޓާއި ގުޅި ލާމެހިފައިވޭ،" އަދީބު ވިދާޅުވި އެވެ.

ރައީސް ޔާމީން ބޭނުންފުޅު ވަނީ އިގްތިސާދީ ޓްރާންސްމޭޝަނެއް ގެންނަވަން ކަމަށް މިރޭގެ ޖަލްސާގައި އަދީބު ވިދާޅުވި އެވެ. އަދި މަގުމައްޗަށް ބަޔަކު ނުކުމެ މިއުޅެނީ މި 'ޓްރާންސްފޯމޭޝަން' އަންނާތީ ކަމަށް އަދީބު ވިދާޅުވި އެވެ.

ރައީސް ޔާމީން ދެއްކެވި އުއްމީދުގެ ހުޅުކޮޅުން ވަަރަށް ގިނަ ޒުވާނުން ޕީޕީއެމާއި ގުޅުމުން އަންނަ ކަަމަށް އަދީބު ވިދާޅުވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ވަނީ ޕީޕީއެމްގެ "ތާޒާ ފިޔަ" ގޮފި އިފްތިތާހު ވެސް ކޮށްފަ އެވެ.