28 Apr 2015, 23:27
އަންނަ މޭ މަހުގެ އެއް ވަނަ ދުވަހު، މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާ މުނާސަބަތާ ގުޅުވައިގެން އަންހެނުން ބައެއްގެ ޝިކާރައަކަށް ވެގެން ނުވާނެ ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.
މޭޑޭ އާ ގުޅުވައިގެން ބައެއް ފަރާތްތަކުން ރާވަމުންދާ ސިޔާސީ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ސަން އަށް ދެއްވި އިންޓަވިއުއެއްގައި ރަފިއްޔާ ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ އަމަންއަމާންކަން ނަގާލައި ގައުމު ހަލަބޮލިކޮށްލުމަށް މަސައްކަތްކުރާ ބައެއްގެ ހަރަކާތްތަކުގެ ނިވާފަތްގަނޑަކަށް ބޭނުންކުރާ ވަސީލަތަކަށް ދިވެހި އަންހެނުން ވެގެން ނުވާނެ ކަމަށެވެ. އަންހެނުންނަކީ އިއްޒަތާ ކަރާމާތްލިބިގެންވާ ބައެއް ކަމަށާއި އެކަނބަލުންގެ ނާޒުކުކަމުގެ ފައިދާނަގައި ކަރާމާތް ގެއްލޭފަދަ ގޮތަކަށް އެ މީހުން ބޭނުންކުރެވިގެން ނުވާނެ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަންހެނުން މި ގައުމުގައި އަޅުގަނޑުމެންނަށް ހުރި ފުރުސަތުތައް ދިރާސާކުރަންވީ. އަޅުގަނޑުމެންގެ ޚިޔާލުތައް ގައުމު ހިންގުމުގައި ބޭނުންކުރަން ޕްލެޓްފޯމެއް ހަދަންވީ. މީ އަޅުގަނޑުމެން އަންހެނުންގެ ވެސް ގައުމު. އަޅުގަނޑުމެންނަކީ އާބާދީގެ 50 އިންސައްތަ. އެހެންކަމުން މިގައުމުގެ ކުރިމަގަށް އަޅުގަނޑުމެންގެ ހިއްސާ ދޭން ޖެހޭ." ރަފިއްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ތަރައްގީ އަށް ޓަކައި ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަމަށާއި ސަރުކާރު ހޮވީ އަންހެނުންގެ ވެސް މެޖޯރިޓީ އާއި އެކުގައި ކަމަށެވެ. ސިޔާސީ ހަމަނުޖެހުމުގައި އަންހެނުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށާއި ސަބަބަކީ އާއިލާއަށް ލިބޭ ކޮންމެ ހިތްދަތިކަމެއްގައި އެންމެ ކައިރިން ވޭން ތަހައްމަލު ކުރާ ބަޔަކީ އަންހެނުން ކަމަށް ވާތީ ކަމަށް ވެސް ރަފިއްޔާ ވިދާޅުވި އެވެ.
ރަފިއްޔާ އިތުރަށް ވިދާޅުވީ ދިވެހި އަންހެނުންނަކީ އެންމެ ކުރީ ޒަމާނުއްސުރެ ފެށިގެން ވެސް ގައުމީ ތަރައްގީގައި މުހިންމު ހިއްސާއެއް އަދާކުރި ބައެއް ކަމަށެވެ. އެހެން ނަމަވެސް ޒަމާނަށް އައި ބަދަލާ އެކު ދިވެހި އަންހެނުންގެ ފުށުން ކުރީގައި ފެނިފައިވާ ގައުމީ ރޫހާއި ގައުމީ އެއްބައިވަންތަކަން މިހާރު ފެންނަލެއް ކުޑަކަން އޭނާ ފާހަގަކުރެއްވި އެވެ. މި ބަދަލަކީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ގެނައި ބަދަލެއް ކަމަށާއި އޭގެ ސަބަބުން ގެއްލުން ލިބެނީ މުޅި މުޖުތަމައަށް ކަމަށް ވެސް ރަފިއްޔާ ވިދާޅުވި އެވެ. އެހެން ކަމުން ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ކުރެވޭ ގައުމަށް ގެއްލުން ދެނިވި ކަންކަމުން ދުރުހެލިވެ، ގައުމު އާރާސްތު ކުރުމުގެ މުހިންމު މަސައްކަތަށް ދިވެހި އަންހެނުން އަލުން އަނބުރައި ރުޖޫއަ ވުމަކީ މަސައްކަތްތެރީންގެ ދުވަހު އަޒުމު އާ ކުރާން ޖެހޭ ކަމެއް ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.