28 Apr 2015, 23:10
ސަރުކާރުން އޮތީ އިދިކޮޅު ފަރާތްތަކާ މަޝްވާރާ ކުރުމަށް ތައްޔާރަށް ކަމަށާއި ސަރުކާރުގެ ފަރާތުން އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲއާ ދެން މަޝްވަރާ ކުރައްވާނީ ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ކަަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މެއި މަހުގެ އެއް ވަނަ ދުވަހު ބާއްވާ "މޭޑޭ" ހަރަކާތުގެ ކުރިން އަދީބު "އެއްލާލުމަށް" އިމްރާން ގޮވާލައްވާފައިވަނިކޮށެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުޅުމާލޭގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވެފައި ވަނީ މޭޑޭގެ ހަރަކާތުގެ ކުރިން އަދީބު އެއްލައިލުމަށާއި އޭރުން ރައީސް ޔާމީނަކީ ބުއްދިވެރިއަކަށްވާނެ ކަމަށެވެ.
"އެ ދުވަހާ [މޭޑޭ] ހަމައަށް އަންނަންވާއިރަށް ރައީސް ޔާމީނަކީ ބުއްދިވެރިއެއް ވެއްޖެއްޔާ އަދީބު ނަގާއެއްލަވާލައްވާ. މިއީ ޕީޕީއެމްގެ ރޫހު. މިއީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ބޭނުންވާ ގޮތް. މިއީ ރައީސް މައުމޫން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް،" އިމްރާން ވިދާޅުވި އެވެ.
އައްޑޫ އިސްމެހެލަ ހެރާގައި ރިސޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ މެއި އެއް ވަނަ ދުވަހު ބާއްވާ "މޭޑޭ" ހަރަކާތަކަށް ސަރުކާރުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
ރައީސް ވިދާޅުވީ އިމްރާނާއެކު އެމަނިކުފާނު ބޭއްވި ބައްދަލުވުމުގައި އިމްރާން ހުށަހެޅުއްވީ "ބުރަ އުފުލޭ" ކަމެއް ނޫން ކަމަށެވެ. ނަމަވެސް އިމްރާން ހުށަހެޅުއްވި ކަންތައްތަކުގެ ތަފްސީލެއް ރައީސް ހާމައެއް ނުކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީއަށް ހުރަސް އެޅޭ ވަރުގެ "ބުރައެއް ނުއުފުއްލާނެ" ކަމަށެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީގެ އާންމު މެމްބަރުން އިމްރާންހަމަ މަގަށް އަޅުވަން މަސައްކަތް ކުރަންޖެހޭ ކަމަށާއި ޕާޓީގެ ލީޑަރަކު ކަސިޔާރުވެއްޖެނަމަ އާންމު މެމްބަރުން ޕާޓީ ހަމަ މަަގަށް އަޅުވަން ޖެހޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވެސް މަގާމުން ކަސިޔާރުވެއްޖެނަމަ ޕީޕީއެމްގެ މެމްބަރުން ނުކުމެ، އެ މީހަކު ހަމަ މަގަށް އަޅުވަންޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އިސްމެހެލަ ހެރާ ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ މެނިފެސްޓޯގައި ހުރިހާ މަސައްކަތެއް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު ޕީޕީއެމް އަށް ސޮއި ކުރެއްވުމުން، އެ ބޭފުޅާއަށް ރައީސް ޔާމީން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކޮށް ތަރައްގީ ގެންނައިރު އޮޕަޒިޝަންގައި ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރާއި އަތޮޅުތެރެއާ ޖައްސަން ބަޔަކު މަސައްކަތް ކުރާ ކަަމަށާއި ނަމަވެސް ހަގީގަތުގައި ތަރައްގީ އަންނަނީ މުޅި ރާއްޖެ އަށް ކަަމަށް ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުގެ މަސައްކަތަކީ ސިޔާސީ ކަންކަން ކުރުމެއް ނޫން، ނަމަވެސް ގައިގަ ޖެހެއްޖާ ފޮޅާލެވޭނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.