ކުރީގެ އީޕީއެސް ސުކޫލް ހުރި މއ. ޗާނދަނީގޭގައި އިމާރާތް ކުރާ އަރަބިއްޔާ ސުކޫލުގެ ހަތް ބުރީގެ އައު އިމާރާތުގެ މަސައްކަތް 29 މިލިޔަން ރުފިޔާ އަށް މާލާ ހައިރިޒިން ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް އެޅުމަށް ބީލަމަށްލީ ފަރާތްތަކުންގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ މާލާ ހައިރައިޒިން ކޮމްޕެނީ ކަމަށާއި އެފަރާތުން ހުށަހެޅީ 29 މިލިޔަން ރުފިޔާ ކަމަށެވެ.

އެންމެ އުސްކޮށް މާލޭގައި ބިނާކުރާ ސުކޫލް އިމާރާތް ކުރުމަށް 12 ފަރާތަކުން ބިޑް ކުރި ކަމަށް ސާމީ ވިދާޅުވި އެވެ. އެއީ ބިޑް ކާމިޔާބު ކުރި މާލާ ހައިރައިޒިންގެ އިތުރުން އައިމާ، އެސްބްލިޔު، ޔުމާން، މާރިސް، އަމީން، އައިރީން އެންޓަޕްރައިޒަސް، އެލިޔާ، ރަޝީދު، ރެޕިޓް، އެލްއެސް، ޓޫއެލް ކޮންސްޓްރަކްޝަން އިން ކަމަށް ސާމީ ވިދާޅުވި އެވެ.
"މުއްދަތުގެ ތެރޭގައި 12 ފަރާތަކުން ބިޑް ހުށަހެޅި. އެ ފަރާތްތަކުން ހުށަހަޅާފައި ހުރި އަގުތައް މި އުޅެނީ 29 މިލިޔަން ރުފިޔާ އާއި 57 މިލިޔަން ރުފިޔާއާ ދޭތެރޭގައި. އެގޮތުން އެންމެ ކުޑަ އަގެއް ހުށަހެޅީ މާލާ ހައިރިޒިން ކޮންސްޓްރަކްޝަންއިން،" ސާމީ ވިދާޅުވި އެވެ.

ބިޑް ޑޮކިޔުމަންޓްތައް ހުޅުވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ ބީލަން ކާމިޔާބުކުރި މާލާ ހައިރައިޒިން ކޮންޝްޓްރަކްޝަން ކޮމްޕެނީ އާ އެކު އެގްރިމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ކުރިއަށް އެބަދާ ކަމަށެވެ.

އަރަބިއްޔާ ސުކޫލަކީ 500 ކުދިންގެ ޖާގައިގެ އިމާރާތެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ ސުކޫލްގައި 28 ކުލާސްރޫމުގެ ނަމާދުކުރާ ތަނަކާއި ހޯލަކާއި ކޮމްޕިއުޓަރު ލެބާއި ލެބޯޓްރީއެއް ހުންނާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މި އަހަރު މަސައްކަތް ފަށައި އަންނަ އަހަރު މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ އަރަބިއްޔާ ސްކޫލު އެޅުމަށް 38 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ލަފާކޮށްފައި ވިޔަސް އެ ސްކޫލު އެޅުމަށް މި އަހަރު ބަޖެޓުކޮށްފައި ވަނީ އަށް މިލިއަނެއްހާ ރުފިޔާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.