28 Apr 2015, 22:17
މޭ 1 ގައި އަތޮޅު ތެރެއިން މާލެ އަންނަ މީހުންގެ ކެއުން ބުއިމާ ނިދުމުގެ ކަންކަން ހަމަޖައްސައިގެން އައުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި ސަލާމަތީ ބާރުތަކުން ދިން ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މާލެ އަންނަ ފަރާތްތަކުން މާލޭގައި ހުރެވޭނެ ގޮތާއި ކެއުންބުއިމުގެ ކަންތައް ޔަގީންކުރުމަށް ފަހު އައުމަށް ވެސް އެދޭ ކަމަށެވެ. އަދި މީގެކުރިން ވެސް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކުން އެފަދަ ކަންކަމަށް ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާ ކަމަށް ވެސް ސަލާމަތީ ބާރުތަކުން ދިން ބަޔާނުގައި ވަނީ ބުނެފައި އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މުޒާހަރާއަށް މާލެ އަންނަ މީހުން ވެސް ގާނޫނީ އިމުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"މެއި މަހުގެ އެއްވަނަ ދުވަހު މުޒާހަރާއާ ގުޅިގެން ރަށު ތެރޭގެ އަމާންކަން ނަގާލާ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަކަށް ވާހަކަދައްކާ ސަލާމަތީ ބާރުތަކުގެ މީހުންނަށާއި ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކޮށް އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ހިންގާ ޖިނާއީ ކުށް ކުރާނަމަ އަދި ޣައިރު ގާނޫނީ އެއްވެސް ކަމެއް ފެނިއްޖެނަމަ އެފަދަ އެއްވުމެއް ހަމަޖެހިފައި އޮންނަ އުސޫލުގެ މަތީން ރޫޅާލެވޭނެ ވާހަކަ ދަންނަވަން،" ސަލާމަތީ ބާރުތަކުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަލާމަތީ ބާރުތަކުން ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވާ އެއްވުމެއް ރޫޅާލުމުގައި ލިބޭނެ އެއްވެސް ގެއްލުމަކަށް އެފަރާތްތަކުން ޒިންމާ ނުނަގާނެ ކަމަށެވެ.
ފެބްރުއަރީ މަހުގެ 27ވަނަ ދުވަހު ބޭއްވި މުޒާހަރާ ނިންމާލިކަން އިއުލާނު ކުރުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކަށް ގުރޫޕު ހަދައިގެން މާލޭގެ މަގުތަކުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެފަދަ ފުރުސަތަކަށް އަންނަ ހުކުރު ދުވަހު ޖާގަ ނުދޭނެ ކަމަށް އެފަރާތްތަކުން ބުންޏެވެ.
"ސިޔާސީ ބައެއް ފަރާތްތަކުން މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބާއްވަން ރާވާފައިވާ މުޒާހަރާއާ ގުޅިގެން ރަށު ތެރޭގައި ހަމަނުޖެހުން އުފައްދާ ރައްޔިތުންގެ ގޯތި ގެދޮރަށާއި މުދަލަށް އަދި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ އެއްވެސް ހަރަކާތެއް ހިންގާނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް ސަލާމަތީ ބާރުތަކުން އަޅުމުން ގެންދާނެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މާލެއާ އަތޮޅުތަކުގައި ބާއްވާފައިވާ އެއްވުންތަކުގައި ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު މެއި މަހުގެ އެއްވަނަ ދުވަހު ބާއްވާ މުޒާހަރާއަކީ މި ދެންނެވުނު ގާނޫނީ ތަރަހައިގެ ތެރެއިން ސުލްހަވެރިކަމާއިއެކު ބާއްވާ ހަރަކާތެކޭ ނުބުނެވޭނެ،" ސަލާމަތީ ބާރުތަކުން ބުންޏެވެ.
ސަލާމަތީ ބާރުތަކުން ބުނީ މުޒާހަރާއެއް ނުވަތަ އެއްވުމެއް ބާއްވާ ނަމަ ކުރިން ސަލާމަތީ ބާރުތަކަށް އަންގަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއާ ގުޅޭ އެއްވެސް ނޯޓިސް އެއް ލިބިފައި ނުވާ ކަމަށެވެ.
"ދިވެހި ފުލުހުންނާ ދިވެހި ސިފައިން އަތާ އަތް ގުޅާލައި، ބަދަހި ސަފުތަކެއްގައި ދެމިތިބެ، ސަލާމަތާ ރައްކާތެރި ތަނެއްގެ ގޮތުގައި މިޤައުމު ބޭއްވުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްޖެހުމެއް ވަރުބަލިކަމެއްނެތި ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ތިޔަ ބޭފުޅުންނަށް އަރުވަން. ދިވެހި ފުލުހުންނާ ދިވެހި ސިފައިން ތިބީ މިފަދަ ކަންކަމަށް ބޭނުންވާ ތަމްރީނުތައް ހޯދައި، ކުރިމަތި ވެދާނެ ޙާލަތަކަށް ތައްޔާރުވެގެން. ބޭނުންވާނެ ވަޞީލަތްތައް ހޯދައި ޤާއިމް ކުރެވިފައިވާ ވާކަހަވެސް ދަންނަވަން،" ސަލާމަތީ ބާރުތަކުގެ ބަޔާނުގައިވެ އެވެ.