28 Apr 2015, 22:32
އައްޑޫ ސިޓީގެ ހިތަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން ދެ މީހަކު މާލެ ފޮނުވުމަށް އެ މީހުން ބެލި ޑޮކްޓަރު ލަފާދީފި އެވެ.
ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ މާލެ ފޮނުވަން ޑޮކްޓަރު ލަފާދީފައިވާ ދެ މީހުންނަކީ ސ. ހިތަދޫ ޚަރީފީގޭ އަބްދުﷲ ނަވީދު،22 އާއި ހަމައެރަށު ވެސްނޫދޮށުގޭ ހުސައިން ރިޔާޒު، 28، ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ވީ އެންމެ އަވަހަކަށް އެ ދެ މީހުން މާލެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެ ދެ މީހުން ވެސް ވީއެންމެ އަވަހަކަށް މާލެ ފޮނުވާލެވޭތޯ މި ބަލަނީ. ދެ މީހުންގެ ހާލުވެސް ދާދި އެއްވަރަކަށް ސީރިއަސް ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓުގައި ދެން ޒަޚަމްވެފައި ވަނީ ބަނގުލަދޭޝްގެ މީހެކެވެ. އުމުރުން 21 އަހަރުގެ ތާލިބު އަހްމަދަކީ ފޭދޫ ބަޔަކު ގެންގުޅޭ ބިދޭސީއަކަށްވާތީ އޭނާ މިހާރު ފޭދޫ ސިއްހީ މަރުކަޒަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ބަނގުލަދޭޝްގެ ރައްޔިތު މިހާ ތާލިބު އަހްމަދުގެ ހާލުއެހާ ސީރިއަސްއެއް ނޫން. އޭނާ މިހާރު ވަނީ ފޭދޫ ސިއްހީ މަރުކަޒަށް ބަދަލުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު މެންދުރުފަހު 15:40 ހާއިރު ހިތަދޫ ބޮޑުމަގު ހެޕީ ޒޯން ނަމަކަށް ކިޔާ ފިހާރަ ކައިރީގައި ޕިކަޕަކާއި ސައިކަލެއް ޖެހިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ހެޕީ ޒޯން ފިހާރަކައިރީ ޕާކް ކޮށްފައި އޮތް ޕިކަޕެއް މަގަށް ނުކުތް ވަގުތު މަގުން ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.