28 Apr 2015, 20:09
ޕަބްލިކް ސާވިސް މީޑިއާގެ ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރެއްވުމާއެކު ދައުލަތުގެ ޓީވީ ސްޓޭޝަނާއި ރޭޑިއޯ ހިންގަން އެތަނުގެ އިދާރީ އިސް މެނޭޖުމަންޓުން ހަވާލުވެއްޖެ އެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބުނެފައި ވަނީ އެ ބިލު ތަސްދީގުކޮށް ގާނޫނަށް އަމަލުކުރަން ފެށުމާއި 2010ވަނަ އަހަރު އުފެދުނު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ ރަމީޒު މިރޭ "ސަން" އަށް ވިދާޅުވީ ގާނޫނު ބުނާ ގޮތުން އާ ބޯޑެއް އަންނަން ދެން ޓީވީއެމް އަދި ރޭޑިއޯ ހިންގާނީ އިސް މެނޭޖުމަންޓުން ކަމަށެވެ. އެހެންކަމުން މިހާރު އެ ދެ ތަން ހިންގަމުން އަންނަނީ އިސް މެނޭޖުމަންޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި އެބަ ބުނޭތާ ދެއްތޯ ވަގުތީ ގޮތުން ހިންގާނެ ފަރާތްތައް. ދެން ހަމަ އޮޓަމެޓިކަލީ އެބޭފުޅުންނާ ހަވާލުވާނެ ދެއްތޯ. އެހެންވީމަ އިސް މެނޭޖުމަންޓުން ވަގުތީ ގޮތުން އާ ބޯޑެއް އަންނަންދެން ހިންގަމުން ދާނީ." ރަމީޒު ވިދާޅުވި އެވެ.
އެ ގާނޫނުގެ 12ވަނަ މާއްދާގައިި ބުނެފައި ވަނީ ގަވާނިން ބޯޑުން ޕަބްލިކް ސާވިސް މީޑިއާ ހިންގުމާ ހަވާލުވަންދެން އެތަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ އެ ގާނޫނުގެ ދަށުން ޕަބްލިކް ސާވިސް މީޑިއާ އަށް ބަދަލުކުރެވޭ މުވައްޒަފުންގެ ތެރޭގައި އޮތް އެންމެ އިސް މެނޭޖުމަންޓަކުން ކަމަށެވެ.
އެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިންގް ބޯޑު އެކުލަވާލަން ޖެހެ އެވެ. ގަވާނިން ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ދައުރު ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ދެވަނަ ދައުރުން ފަށައިގެން އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސް އޮފީހުން އިއުލާން ކުރުމުން ނެވެ. ބޯޑުގެ މެމްބަރުންގެ މުއްދަތަކީ ހަތް އަހަރެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ހިންގާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަައްވާ ހަތް މެމްބަރުންގެ ބޯޑަކުންނެވެ. އެ ބޯޑުގައި ހިމެނިވަޑައިގެންނަވާ މެމްބަރުން ހޯދުމަށް އިއުލާން ކުރަންޖެހޭނީ ރައީސް އޮފީހުންނެވެ. އަދި ބޯޑުގެ މެމްބަރުންގެ މުއްދަތަކީ ހަތް އަހަރެވެ.
އަދި އެ ކޯޕަރޭޝަން ހިންގުމަށް އެ ގާނޫނުގެ ދަށުން އައްޔަން ކޮށްފައިވާ މެނޭޖިންގް ޑިރެކްޓަރުންގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ބިލްގައިވާ ގޮތުގައި ގަވަނިން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމާއި އިސް މެނޭޖްމަންޓުން އެކުލަވާލާ މުވައްޒަފުންނާއި މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި އެއަށް ބަދަލު ގެނަމަށް ހުއްދަ ދިނުން ހިމެނެ އެވެ. މީގެއިތުރުން ޕަބްލިކް ސާވިސް މީޑިއާގެ މަގުސަދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިންގުމުގެ މަގު ފަހިކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ޕަބްލިކް ސާވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި އެފަދަ މީހުން ވަކިކުރުމަކީ ވެސް އެ ބޯޑުގެ ޒިންމާއެކެވެ. ނަމަވެސް ޕަބަލިކް ސާވިސް މީޑިއާ ދުވަހުންް ދުވަހަށް ހިންގުމަށް ކުރަމުން ގެންދާ ކަންކަމާ އެ ބޯޑުން ބެހިންގެން ނުވާނެ އެވެ.