އޭއެފްސީ ގުރޫޕް ސެޓޭޖުން ކެޓުމަކީ ވަރަށް ބޮޑު ނާކާމިޔާބެއްކަމަށް މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނެފި އެވެ.

އޭއެފްސީ ކަޕްގައި އިންޑީއާގެ ބެންގަލޫރް އެފްސީއާ ދެކޮޅަށް ގައުމީ ފުޓްބޯޅަދަނޑުގައި މިއަދު ކުޅެ 2-1 ގެ ނާތީޖާއަކުން ބަލިވި މެޗަށް ވާހަކަ ދައްކަމުން ސުޒޭން ބުނީ މާޒިޔާ ލައްވާލި ގުރޫޕަކީ އެޓީމަށް ސްޓޭޖް ފަހަނައަޅައި ދެވަނަ ބުރަށް ދެވެން ޖެހޭނެ ގުރޫޕެއް ކަމަށާއި ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔައި ދެ މެޗެއްގައި ކުރަންޖެހޭ ވަރަށް މަސައްކަތް ނުކުރެވިގެން ކަމަށެވެ.

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މަޒިޔާއާ ބެންގަލޫރު އެފްސީ ބައްދަލު ކުރި މެޗްގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ޔަޤީން މީ ހަމަ ވަރަށް ބޮޑު ނާކާމިޔާބެއް. ހަޤީޤަތުގައި މިގުރޫޕަކީ މާޒިޔާއަށް ތުރޫ ވެވެންޖެހޭނެ ގުރޫޕެއް ކުޅެވުނު މެޗްތަކަށް ބަލާއިރު އެފަޓް ނުލެވިގެން ދިޔަ ދެ މެޗަކުން މިދިޔައީ ޑިސައިޑް ވެގެންދިޔައީ ބެންގަލޫރު މެޗް އެ ޓީމާ ދެކޮޅަށް ހަމަ ރަނގަޅަށް ކުޅެ ލިބުނު ޗާންސް ތައް ބޭނުން ނުކުރެވި ދިޔައީ އެއީ މައިގަނޑުގޮތެއްގައި ގުރޫޕް ސްޓޭޖުން ބޭރުވާން ޖެހުނު ސަބަބަކީ" ސުޒޭން ބުންޏެވެ.

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މަޒިޔާއާ ބެންގަލޫރު އެފްސީ ބައްދަލު ކުރި މެޗްގައި މާޒިޔާގެ ކޯޗް ޢަލީ ސުޒޭން އެޓީމަށް އިރުޝާދު ދެނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސުޒޭން ބުނީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗްތަކަށް ބަލާފައި ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާގެ ޕާފޯމަންސް ރަނގަޅު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ސުޒޭން ބުނީ އޭއެފްސީ ކަޕުން ކެޓި ކަމުގައިވިޔަސް ގުރޫޕް ސްޓޭޖުގައި ދެން އޮތް މެޗްވެސް މާޒިޔާއިން ފަސޭހަ ނުރާނެ ކަމަށާއި އެއީ އޭއެފްސީ ކުލަބް ރޭކިން ބަލާއިރު ވެސް މުހިންމު މެޗް ކަމަށާއި ރޭކިން އެކްލަވާލާއިރު އެމެޗް ވެސް ގުނިގެންދާނެ ކަމަށެވެ.

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މަޒިޔާއާ ބެންގަލޫރު އެފްސީ ބައްދަލު ކުރި މެޗްގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޭއެފްސީ ކަޕްގައި މާޒިޔާ ދެން ނިކުންނަން ޖެހޭނީ މެއިމަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި އެ ޤައުމުގެ ވޭރިއާސް އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަކުރާ ދެ ވަނަ ޓީމްކަމުގައިވާ ނިއުރޭޑިއަންޓް މާދަމާ މާލޭގައި ބައްދަލު ކުރާނީ އިންޑޮނޭޝިއާގެ ޕާސިބް ބަންޑުންއާ ދެކޮޅަށެވެ. މިމެޗް ފެށޭނީ މާދަމާ ހަވީރު 4:00 ގައެވެ.