ދައުލަތުގެ މީޑިއާ މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި އާ ކުންފުންޏެއް އުފައްދަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލް ގާނޫނަށް ވުމުމާއެކު މިހާރު އަމަލު ކުރަމުން އަންނަ މޯލްޑިވްސް ބްރޯޑްޓިން ކޯޕަރޭޝަން ގާނޫނު އުވޭނެ ކަމަށާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

އެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިންގް ބޯޑު އެކުލަވާލަން ޖެހެ އެވެ. ގަވާނިން ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ދައުރު ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ދެވަނަ ދައުރުން ފަށައިގެން އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސް އޮފީހުން އިއުލާން ކުރުމުން ނެވެ. ބޯޑުގެ މެމްބަރުންގެ މުއްދަތަކީ ހަތް އަހަރެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ހިންގާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަައްވާ ހަތް މެމްބަރުންގެ ބޯޑަކުންނެވެ. އެ ބޯޑުގައި ހިމެނިވަޑައިގެންނަވާ މެމްބަރުން ހޯދުމަށް އިއުލާން ކުރަންޖެހޭނީ ރައީސް އޮފީހުންނެވެ. އަދި ބޯޑުގެ މެމްބަރުންގެ މުއްދަތަކީ ހަތް އަހަރެވެ.

އަދި އެ ކޯޕަރޭޝަން ހިންގުމަށް އެ ގާނޫނުގެ ދަށުން އައްޔަން ކޮށްފައިވާ މެނޭޖިންގް ޑިރެކްޓަރުންގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ޕަބްލިކް ސާވިސް މީޑިއާ" ގެ ބިލް ގާނޫނަކަށް ވުމާ އެކު މިހާރު އަމަލު ކުރަމުން ގެންދާއެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެ ގާނޫނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކާ ތައާރަޒުވާ އުސޫލެއް ނުވަތަ މާއްދާއެއް ހިމެނޭ ކަމުގައިވާނަމަ، އެ ގަވާއިދެއް ނުވަތަ އުސޫލެއް އެ ގާނޫނާ ތައާރަޒުވާ މިންވަރަކަށް އަދި އެ ގާނޫނުގެ ބޭނުމަށްްޓަކައި ބާތިލް ވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެފަދަ ގާނޫނެއް ހެދުމުގެ ބޭނުމަކީ އިންޓަނެޓްގެ ޒަރިއްޔާއިން އުފެދިގެން އަންނަ ނިއު މީޑީއާގެ އެންމެހާ ވަސީލަތްތަކާ ޕްރިންޓް މީީޑިއާއާއި އަދި މި ނޫނަސް ހަބަރާއި މައުލޫމާތާ ހޭލުންތެރިކަމާ މުނިފޫހިފިލުވުން ފޯރުކޮށްދޭ އެންމެހައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ދިވެހި ދައުލަތުގެ ބަޖެޓުގެ ޚަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރަދަނާ ގައުމީ މީޑިއާއެއް ބިނާކުރުން ކަމުގައި އެ ބިލްގައި ބުނެފައިވެ އެވެ.

މި ބިލްގައިވާ ގޮތުގައި ގަވަނިން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމާއި އިސް މެނޭޖްމަންޓުން އެކުލަވާލާ މުވައްޒަފުންނާއި މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި އެއަށް ބަދަލު ގެނަމަށް ހުއްދަ ދިނުން ހިމެނެ އެވެ. މީގެއިތުރުން ޕަބްލިކް ސާވިސް މީޑިއާގެ މަގުސަދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިންގުމުގެ މަގު ފަހިކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ޕަބްލިކް ސާވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި އެފަދަ މީހުން ވަކިކުރުމަކީ ވެސް އެ ބޯޑުގެ ޒިންމާއެކެވެ. ނަމަވެސް ޕަބަލިކް ސާވިސް މީޑިއާ ދުވަހުންް ދުވަހަށް ހިންގުމަށް ކުރަމުން ގެންދާ ކަންކަމާ އެ ބޯޑުން ބެހިންގެން ނުވާނެ އެވެ.