28 Apr 2015, 18:51
އޭއެފްސީ ކަޕްގައި މިއަދު ރާއްޖޭގެ އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
މިއަދުގެ ނާކާމިޔާބީ އާއެކު މާޒިޔާއަށް އަދިވެސް މުބާރާތުގައި އެއް މެޗު އޮތްނަމަވެސް، އެ ޓީމް މިހާރު އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގަ އެވެ. އަދި މިއަދުގެ ތިން ޕޮއިންޓާއެކު މިހާތަނަށް މުޅިއަކު 12 ޕޮއިންޓް ހޯދާފައިވާ ބެންގަލޫރު ދެވަނަ ބުރަށް ދަތުރުކޮށްފައި ވަނީ ގްރޫޕް 'އީ' ގެ ދެވަނަ ޓީމެއްގެ ގޮތުގައެވެ.
ގައުމީ ފުޓްބޯޅަދަނޑުގައި މިއަދު ހަވީރު އެ ދެ ޓީމް ބައްދަލުކުރި މެޗުގެ ލީޑު ފުރަތަމަ ނެގީ މާޒިޔާ އެވެ. އެ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ޕެނަލްޓީ އޭރިއާތެރެއަށް ސަމްދޫހު ނަގައިދިން ބޯޅައަކުން އެ ޓީމްގެ ބިދޭސީ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް އެވެ.
ދެ ވަނަ ހާފް ފެށިކޮޅު މާޒިޔާ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ޓީމަށް ލިބުނު ލީޑާއެކު ބެންގަލޫރު ވަނީ ކުރިއަށް ޖެހިލާ މާޒިޔާގެ ޑިފެންސަށް ޕްރެޝަރ ކޮށްފަ އެވެ. އެގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ، 71 ވަނަ މިނެޓުގައި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭ މާޒިޔާގެ ޑިފެންޑަރު ސާއިފް އަތުގައި ބޯޅަ ޖެހުމުން، ބެންގަލޫރަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ.
ނަތީޖާ ހަމަހަމަ ކުރިތާ ހަތް މިނެޓުތެރޭ ބެންގަލޫރުގެ ފޯވާޑް އުދަންތަ ސިންގް ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ހުނަރުވެރިކަމާއެކު އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިން، ބެންގަލޫޜުގެ ދެވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޗެތުރީ އެވެ.
މެޗުގެ ފަހު ވަގުތުކޮޅު މާޒިޔާއަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ނާޝިދު ނަގައިދިން ބޯޅަ އިމާޒް ބޮލުން ޕެނަލްޓީ އޭރިއާ ތެރެއަށް ފޮނުވާލުމުން ޕަބްލޯ ބޮލުން ބާރަށް ކުރިއަށް ފޮނުވަލި ހަމަލާ އަމާޒުވީ ބެންގަލޫރު ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކައި މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ ބެންގަލޫރު އެވެ. އެގޮތުން ފުރަތަމަ ވަގުތުކޮޅު އެ ޓީމްގެ ދެ ފޯވާޑުން ކަމަށްވާ ޗެތުރީ އާއި ރޮބިން ސިންގް ވަނީ ލީޑު ހޯދަން ގިނަ ފުރުސަތުތަކެއް ބެންގަލޫރަށް ތަނަވަސް ކޮށްދީފައެވެ. އެ ހާފްގައި ހަމައަކަށް އެޅި މާޒިޔާއަށް މެޗުގައި ކުރިއަށް ޖެހިލައިން ކުޅެން ފެށުނީ ހާފްގެ ފަހުކޮޅު އެވެ.
ފުރަތަމަ ހާފްގެ ފަހުކޮޅު މާޒިޔާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އޭރިއާ އަރިމަތިން ނާޝިދު ނަގައިދިން ބޯޅަ ގޯލް ކުރިމަތިން ހުރަސް ވެގެން ދިޔައީ އޭރިއާތެރޭ ހުސްކޮށް ހުރި އަސަދުﷲ އާއި އުމެއިރު އަށްވެސް ނުލިބި އެވެ. އެ ހާފްގެ ފަހު ވަގުތުކޮޅު ބެންގަލޫރުގެ މިދްފީލްޑަރު ސިއާމް ހަންގަލް މާޒިޔާގެ ދެ ކުޅުންތެރިން ކައިރިން ނައްޓަލުމަށްފަހު ނެގި ޝޮޓު ގޯލް އަރިމަތިން ބޭރަށް ދިޔައިރު، އެ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލީޑު ނުލިބި އެވެ.