ލީބިޔާގައި މިވަގުތު ތިން ދިވެއްސަކު އެބަތިބި ކަމަށާއި އެ ކުދިންނާ ގުޅޭ މައުލޫމާތު އަދި ސާފުވެފައި ނުވާ ކަމަށް ދިވެހި ޚާރިޖިއްޔާ އިން މިއަދު ބުނެފި އެވެ.

ދިވެހި ޚާރިޖިއްޔާގެ މީޑިޔާ ކޯޑިނޭޓަރު އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ލީބިޔާގައި ލީބިޔާ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތައް ފެށިއިރު ހަ ދިވެއްސަކު އެކި ބޭނުންތަކުގައި ލީބިޔާގައި ތިބި ކަމަށެވެ. އޭގެ ތެރެއިން ދެމަފިރިއަކާއި ތުއްތު ކުއްޖަކު ހިމެނޭ ކަމަށާއި އެކަމަކު އެމީހުން މިއަދު ސަލާމަތްތެރިކަމާ އެކު ތޫނީޝިޔާ އަށް ގޮސްފައިވާ ކަމަށް އިރުޝާދާ ވިދާޅުވި އެވެ.

"ދެންމެ އަކު އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އެ ކޮޅުގައި (ލީބިޔާގައި) ތިބި ކަޕުލް [ދެމަފިރިއަކު] އަކާއި އެމީހުންގެ ދަރިފުޅު ސޭފްލީ[ސަލާމަތްތެރިކަމާ އެކު] ތޫނިޝިޔާގައި ތިބި ވާހަކަ،" އިރުޝާދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ލީބިޔާގައި ތިބީ ތިން ދިވެއްސެއް ކަމަށާއި އެ ތިން ދިވެހިންނާ ގުޅޭ މައުލޫމާތެއް އަދި ހާރިޖިއްޔާ އަށް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސާފުނުވެގެން މިއުޅެނީ އެ ކުދިންގެ މައުލޫމާތު. އެކުދިންނާ ގުޅަން ވެސް އެބަ މަސައްކަތް ކުރަން. އަޅުގަނޑުމެންނަށް ވީވަރަކުން އެ ކުދިންގެ މައުލޫމާތު ސާފުވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ،" އިރުޝާދާ ވިދާޅުވި އެވެ.

ލީބިޔާގައި މިހާރު ތިބި ކުދިންނާއި އެ ކުދިންގެ އާއިލާ އިން ގުޅުނަސް އެކަންވީ އެންމެ އަވަހަކަށް ފޮރިން މިނިސްޓްރީއަށް އަންގަވައި ދެއްވުމަށް އިރުޝާދާ އެދިވަޑައިގަތެވެ.

މިސްރުގެ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މުޒާހަރާކުރަން ފެށުމުން، އޭރު އެ ގައުމުގައި ތިބި ދިވެހި ކުދިން ވަނީ ރާއްޖެ ގެނެސްފަ އެވެ. މުބާރަކުގެ 30 އަހަރުވީ ވެރިކަން ވެއްޓި އެ ގައުމުގެ މަޝްރަހު ފިނިވުމުން އެ ކުދިން މިހާރު މިސްރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހިޔުމަންރިސޯސް މިނިސްޓްރީން ބުންޏެވެ.

ލީބިޔާގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ 42 އަހަރުވީ ވެރިކަން ވައްޓާލުމަށް އެގައުމުގެ ރައްޔިތުން މީގެ ހަފްތާއެއްހާ ދުވަސްކުރިން މުޒާހަރާ ކުރަން ފެށިފަހުން ގައްޒާފީގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ހާހަކަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ކިތަންމެ ވަރަށް މުޒާހަރާ ކުރި ނަމަވެސް ވެރި ދޫކޮށްނުލައްވާނެ ކަމަށާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރައްވާނެ ކަމުގެ އިންޒާރު ގައްޒާފީ ވަނީ ދެއްވައިފަ އެވެ.