28 Apr 2015, 19:21
ރާއްޖޭގެ ތަރިކަ ރައްކާތެރި ކުރުމާބެހޭ ގޮތުން "ތަރިކައަށް ހޭލާ"ގެ ނަމުގައި މަސައްކަތް ބައްދަލުވުމެއް ބާއްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމެންޓް އޮފް ހެރިޓޭޖް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ އަތޮޅު ކައުންސިލުންގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮަސްފައިވާ ޕްރޮގްރާމެކެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ އެ ބައްދަލުވުމުގައި ރާއްޖޭގެ 18 އަތޮޅަކުން ވަނީ ބައިވެރިވެފަ އެވެ.
އެ ބައްދަލުވުމުގައި ތަރިކައިގައި ހިމެނޭ ތަކެތި ދެނެގަނެ އެތަކެތި ރައްކާތެރި ކުރާނެ ގޮތްތައް ކިޔައިދެވިފައިވާ ކަމަށް ހެރިޓޭޖް ޑިޕާޓްމެންޓް އިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ތަރިކައާ ބެހޭ ގޮތުން ކައުންސިލަރުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތަކެއް ވެސް ބާއްވާފައިވާ ކަމަށް އެ ޑިޕާޓްމެންޓް އިން ބުނެފައިވެ އެވެ.
ޑިޕާޓްމެންޓް އޮފް ހެރިޓޭޖްގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިން ހަދާފައިވާ ހަ ހިރިގާ މިސްކިތެއް ހިމެނޭ ކަމަށާއި އެތަންތަނަކީ ރަނގަޅަށް ބަލަހައްޓަން ޖެހޭ ތަންތަން ކަމަށެވެ.
އެ ހަ މިސްކިތް އިނީ އެ ލިސްޓުގައި ހިމެނިފައި ވަނީ ވަގުތީ ގޮތުގައި ކަމަށްވިޔަސް އެ މިސްކިތްތައް ދާއިމީކޮށް ހިމެނެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.